އެމެރިކާއިން އީރާނުގެ ގޭޝްމް އައިލެންޑަށް ހަމަލާދީފިކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފި އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ނޮވެމްބަރު 2 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ ސިފައިން ވަނީ އީރާނުގެ ގޭޝްމް ރަށަށް ހަމަލާދީފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރުއެންއޭ އިން ބުނިގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ މި ރަށުގައި ބާރުގަދަ ގޮވުންތަކެއް ވަނީ ގޮވާފަ އެވެ. މި ހަބަރު ފެންމަތިވެފައިވަނީ އެ ގޮވުންތަކަށް ފަހުގަ އެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ހާމަކުރި ގޮތުގައި، މިއީ ފާއިތުވި ހަފުތާތަކުގައި ވޮޝިންޓަނުން ދެމުންދާ އަމާޒުތައް ކަނޑައެޅިފައިވާ ކުދި ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާ އެވެ. އަދި މި ހަމަލާތަކަކީ ވަރަށް ކުޑަ މިންވަރަކަށް ދެވޭ ހަމަލާތަކެއް ކަމަށާއި، މިކަން ސިއްރުކޮށްފައިވަނީ އީރާނާ ދެކޮޅަށް ކުރިއަށްގެންދިޔަ ބޮޑު އަސްކަރީ ކެމްޕޭން އަލުން ފަށަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ނުދިނުމަށްޓަކައި ކަމަށްވެސް އެ ނޫހުން ބުނެފައިވެ އެވެ.
ނޮވެމްބަރު 2 ވަނަ ދުވަހުގެ ކުރީކޮޅު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އަސްކަރީ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ ދެއްވާފައިވާ އިންޒާރުތަކާ މެދު ސުވާލު އުފައްދަވާފަ އެވެ. އަދި އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ހަމަލާދިނުމަށް ވިސްނަވާތޯ ނޫސްވެރިން ސުވާލު ކުރުމުން، ޓްރަމްޕް ވަނީ ނޫނެކޭ ވިދާޅުވެފަ އެވެ.
ލޯނު ނުދެއްކުމުން ހެވީލޯޑުގެ ތިން ރަށް ވިއްކާލަން ބީއެމްއެލްއަށް
ހުސްބަނޑާހުރެ ކޮފީ ބުއިމަކީ ރަނގަޅު ކަމެއްތަ؟
ރަސްމާލެ ދޫކުރުމާ މެދު ރެފަރަންޑަމަކަށް ދާން އެދި މަޖިލީހަށް