ހުސްބަނޑާ ހުރެ ކޮފީ ބުއިމަކީ ބައެއް މީހުންގެ މެދުގައި ބަހުސް ކުރެވޭ ކަމެކެވެ. ސޯޝަލްމީޑިއާގައި ދައުރުވާ ބައެއް ވާހަކަތަކުގައި ބުނާގޮތުން، މިކަމުގެ ސަބަބުން ހަށިގަނޑުގެ ސްޓްރެސް ހޯމޯން އެއް ކަމަށްވާ ކޯޓިސޯލް އިތުރުވެ، ގޮހޮރަށް ގެއްލުން ލިބެ އެވެ. ނަމަވެސް، ބައެއް ގޮހޮރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިއީ އެހާ ގެއްލުންހުރި ކަމެއް ނޫނެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ބައެއް ޕޯސްޓުތަކުގައި ބުނާގޮތުން، ހުސްބަނޑާ ހުރެ ކޮފީ ބުއިމުން ބަނޑުގެ އެސިޑުން ރައްކާތެރިކޮށްދޭ ދުލިފަށަށް ގެއްލުންވެ އެވެ. އަދި ޓިކްޓޮކްގައި ސިއްހީ މާހިރަކު ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ހުސްބަނޑާ ކޮފީ ބުއިމުން ކޯޓިސޯލް ލެވެލް މަތިވާތީ އެކަން ނުކުރުމަށެވެ.

ކޯޓިސޯލް އަކީ ކިޑްނީގެ މަތީގައި ހުންނަ އެޑްރީނަލް ގްލޭންޑްތަކުން އުފައްދާ ހޯމޯންއެކެވެ. މިއީ ހާސްކަމާއި ނުތަނަވަސްކަމަށް ހަށިގަނޑުން އިޖާބަދޭ ގޮތް ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކްލީވްލޭންޑް ކްލިނިކުން ބުނާގޮތުގައި، ކޯޓިސޯލް މާ ބޮޑަށް އިތުރުވުމަކީ ނުވަތަ މަދުވުމަކީ އިންސާނާގެ ސިއްހަތަށް އަސަރުކުރާނެ ކަމެކެވެ.

ވާޖިނިއާގެ ފެއާފެކްސްގައި ހުންނަ 'ގެސްޓްރޯ ހެލްތު' ގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަސްމާ ހާޕްރާ ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުސްބަނޑާ ކޮފީ ބުއިމުން ބޮޑެތި ސިއްހީ މައްސަލަތަކެއް ދިމާވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ކޯޓިސޯލް ނުވަތަ ހަކުރުގެ މިންވަރަށް ނުވަތަ މެޓަބޮލިޒަމަށް އޭގެ ސަބަބުން ބޮޑު ބަދަލެއް އަންނަކަން ދިރާސާތަކުން ސާބިތުވެފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކްލީވްލޭންޑް ކްލިނިކުން ފާހަގަކުރާ ގޮތުގައި، އާންމު ގޮތެއްގައި ހެނދުނު ވަގުތަކީ ގުދުރަތީ ގޮތުންވެސް ހަށިގަނޑުގައި ކޯޓިސޯލް އެންމެ މަތީ ދަރަޖައަކަށް ހުންނަ ވަގުތެވެ. އެހެންކަމުން، ބައެއް މީހުންނަށް ކޮފީ ބުއިމުން ކޯޓިސޯލް މަތިވާހެން ހީވަނީ އެ ވަގުތަކީ ގުދުރަތީ ގޮތުންވެސް އެ ހޯރމޯން އިތުރުވާ ވަގުތަކަށް ވާތީ ކަމަށް ވެދާނެ އެވެ.

ކެފެއިން ބޭނުންކުރުމުން ކާ ހޮޅިއާއި ބަނޑާ ދެމެދު ހުންނަ މަސްގަނޑު ރިލެކްސް ކޮށްދެ އެވެ. މީގެ ސަބަބުން ބަނޑުގައި ހުންނަ އެސިޑް މައްޗަށް އަރައި، މޭ އެންދުމުގެ މައްސަލަ ދިމާވެދާނެ ކަމަށް ކްލީވްލޭންޑް ކްލިނިކުން ބުނެ އެވެ.

އާދައިގެ ކޮފީއާއި ކެފެއިން ނުހުންނަ ކޮފީ (ޑިކެފް) ބުއިމުންވެސް ބަނޑުގައި އެސިޑާއި "ގެސްޓްރިން" (ހަޖަމުކުރުމުގެ ނިޒާމު ރެގިއުލޭޓްކުރާ ހޯމޯންއެއް) އުފެދުން އިތުރުކޮށްދެ އެވެ.

ނިއުޖާޒީގެ ގެސްޓްރޯ އެންޓްރޮލޮޖިސްޓެއް ކަމަށްވާ ޑރ. ޑަގްލަސް ވައިން ވިދާޅުވާ ގޮތުގައި، އެއްޗެއް ނުކައި ހުރެ ކޮފީ ބުއިމުން މޭ ނުބައިކުރުމާއި، ބަނޑުގައި ރިއްސުން ނުވަތަ އަވަހަށް ފާހާނާއަށް ދާންޖެހުން ފަދަ އުނދަގޫތައް ދިމާވެދާނެ އެވެ.

ކެފެއިން އަކީ ސިކުނޑިއާއި ނާރުތަކުގެ ނިޒާމު ހޭލައްވާލާ މާއްދާއެއް ކަމުން، މީގެ ސަބަބުން ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު އަވަސްވެ، ހާސްކަން އިތުރުވުމާއި، ހިތް ތޅުވުމާއި، ނިދުމަށް ދަތިވުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމަށް ޑރ. ވައިން އިތުރަށް ވިދާޅުވިއެވެ.

ކެފެއިންގެ އަސަރު އެކި މީހުނަށް ކުރަނީ ތަފާތު މިންވަރަށެވެ. ބައެއް މީހުންނަށް ކެފެއިންގެ އަސަރު މާ ބޮޑަށް ކުރެ އެވެ.

ކްލީވްލޭންޑް ކްލިނިކުން ބުނާ ގޮތުގައި، ބަނޑު ހުސްކޮށް ހުންނައިރު ކޮފީގައި ހުންނަ ކެފެއިން ހަށިގަނޑަށް ދަމައިގަންނަ މިންވަރު އަވަސްވެ އެވެ. އެހެންނަމަވެސް، ހުސްބަނޑާ ކޮފީ ބުއިމުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ މީހުންވެސް އުޅެ އެވެ.

ޑރ. ހާޕްރާ ވިދާޅުވި ގޮތުގައި، ހުސްބަނޑާ ކޮފީ ބުއިމުން ބޮޑެތި ހަޖަމުގެ މައްސަލަތަކެއް ދިމާވާން ނުޖެހެ އެވެ. "އަޅުގަނޑު ދެކޭގޮތުގައި ހުސްބަނޑާ ހުރެ ކޮފީ ތަށްޓެއް ބޯލުމަކުން މައްސަލައެއް ނެތް،" އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކޮފީއަށް ގިނަ އަދަދަކަށް ހަކުރު، ކްރީމް ނުވަތަ ކިރު އެޅުމަކީ ސިއްހަތަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.