ރިސޯޓް ހެދުމަށްޓަކައި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ދޫކުރި ކ. ދިއްފުށިފަޅު އޭނާ އަތުން އަތުލުމަށްފަހު އެހެން ކުންފުންޏަކަށް ދީފައި ވަނިކޮށް ހާމިދަށް އެތަން އަނބުރާ ދޭން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ދިއްފުށީފަޅަކީ ރިސޯޓް ހެދުމަށްޓަކައި ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައި ސަރުކާރުން 2012 ވަނަ އަހަރު 50 އަހަރަށް ހާމިދަށް ކުއްޔަށް ދިން ތަނެކެވެ. އަދި ކުރިން އެތަން ކުއްޔަށް ހިފި ފަރާތަށް ލިބިގެންވާ ހައްގުތައް ހާމިދަށް ފަހުން އޮތީ ބަދަލުކޮށްފަ އެވެ.
ނަމަވެސް 2017 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރުމުން ހާމިދުގެ ފަރާތުން ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައި އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. އަދި ފަހުން 2018 ވަނަ އަހަރު ސަރުކާރުން އޮތީ އެ ފަޅު އެހެން ކުންފުންޏަކަށް ކުއްޔަށް ދީފަ އެވެ.
އެ މައްސަލަ ހާމިދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި އެތަން އެހެން ފަރާތަކަށް ކުއްޔަށް ދީފައި އޮތް ނަމަވެސް, ހާމިދުގެ ފަރާތުން އެތަނަކަށް ހަރަދުތަކެއް ކޮށްފައި އޮތުމުން އެތަން އަލުން އޭނާއަށް އަނބުރާ ނުދީފިނަމަ ދައުލަތުން އުފުލަން ޖެހިދާނެ ގެއްލުން މާ ބޮޑު ކަމަށް ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރައްވާފައިވާ އެ ހުކުމުގައިވެ އެވެ.
ނަމަވެސް އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް ޝާހިދު ހައްޔަރުކޮށްފި
