އިންޑިއާގެ 72 ވަނަ ނެޝަނަލް ފިލްމު އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިއްޙަތަށް ގެއްލުންހުރި ތަކެތި އިޝްތިހާރު ކުރުމުން ދުރުހެލިވުމަށް އެގައުމުގެ ރައީސް ދްރޯޕަދީ މުރުމޫ ފިލްމީ ތަރިންނަށާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފި އެވެ.

ގުޖުރާތުގެ އެކްތާ ނަގަރުގައި ބޭއްވުނު މި ހަފްލާގައި ރައީސް މުރުމޫ ވިދާޅުވީ، ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ފަންނާނުންނަކީ މުޖުތަމައަށް ބޮޑު ނުފޫޒެއް ފޯރުވާ ބައެއް ކަމަށެވެ.

އެހެންކަމުން ކާމިޔާބު ފަންނާނުން ސިއްހަތަށް ފައިދާހުރި، އަހްލާގީ ރަނގަޅު އާދަކާދަތައް މުޖުތަމަޢުގައި އާލާ ކުރުމަށް ބާރު އެޅުމަށާއި، ދުންފަތާއި އަދި ސިއްހަތަށް ގެއްލުންދޭ އެހެނިހެން ތަކެތި އިޝްތިހާރު ކުރުމުން ދުރުހެލިވުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.

ދިއްލީގެ ވިގްޔާން ބަވަންގެ ބަދަލުގައި އިންޑިއާގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި ގުޖުރާތުގައި ބޭއްވި މި ރަސްމިއްޔާތުގައި، ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެހީތެރިންނާއި، ކުދި ފަންނާނުންގެ ހައްގުތަކާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް ރައީސް މުރުމޫ ގޮވާލެއްވި އެވެ.

މުހިންމު އެވޯޑުތައް ހާސިލުކުރި ފަރާތްތައް

  • ދާދާސާހެބް ފާލްކޭ އެވޯޑު: ކަންނަޑާ ފިލްމުތަކުގެ މަޝްހޫރު އެކްޓަރު އަނަންތު ނާގް
  • އެންމެ މޮޅު ފިލްމު: "އާޓިކަލް 370"
  • އެންމެ މޮޅު އެކްޓްރެސް: ޔާމީ ގޯތަމް ("އާޓިކަލް 370")
  • އެންމެ މޮޅު އެކްޓަރު: ކާތިކް އާރްޔަން ("ޗަންދޫ ޗެމްޕިއަން") އަދި މައްމޫޓީ ("ބްރަމަޔުގަމް")
  • އެންމެ މޮޅު ޑައިރެކްޓަރު: ރާޖްކުމާރު ޕެރިސަމީ ("އަމަރަން")

އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓަރު އަޝްވިނީ ވައިޝްނާވް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ނެޝަނަލް ފިލްމު އެވޯޑްސް ބާއްވާނީ އިންޑިއާގެ ތާރީހީ އަދި ފަތުރުވެރިކަމުގެ ސަރަހައްދުތަކުގަ އެވެ.