މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭސް) 2026ގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓަށް ހާއްސަ އެވޯޑެއް އެރުވުމަށް ނިންމައިފި އެވެ.

މިއާއެކު، އޭނާ ވަނީ އެމްޓީވީ ވީއެމްއޭގެ ތާރީހުގައިވެސް އެންމެ ގިނަ އެވޯޑު ހާސިލުކުރި ފަންނާނުގެ ޝަރަފު ހޯދުމާ ގާތަށް ޖެހިލާފަ އެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި ކެމެރާގެ ފަހަތުގައި އޭނާ ކޮށްފައިވާ މޮޅު މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމްޓީވީން އަލަށް ތަޢާރަފުކުރާ "އާޓިސްޓް ޑިރެކްޓާ އޮނާސް" އެވޯޑު ޓޭލާއަށް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑާއެކު އޭނާގެ މުޅި ޖުމްލަ ވީއެމްއޭ އެވޯޑުގެ އަދަދު 31 އަށް އަރާނެ އެވެ. މިއީ މިހާރު 30 އެވޯޑާއެކު ޓޭލާއާ އެއްހަމައެއްގައި އެއްވަނައިގައި އޮތް ބިޔޯންސޭއަށްވުރެ ކުރިއަށް ޖެހިލައި، އެންމެ ގިނަ އެވޯޑު ހޯދި ރެކޯޑު މުޅިން މުގުރާލެވޭނެ ކަމެކެވެ.

މިއަހަރު މުގުރާލެވިދާނެ ރެކޯޑުތައް:

އަލަށް ލިބޭ ޚާއްޞަ އެވޯޑުގެ އިތުރުން، 2026 ގެ ވީއެމްއޭގައި 11 ކެޓަގަރީއަކުން ސުވިފްޓް ވަނީ ނޮމިނޭޓްވެފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކެޓެގަރީ ތަކަކީ:

  • ވީޑިއޯ އޮފް ދަ އިއާ: "ދަ ފޭޓް އޮފް އޮފޭލިއާ" ލަވައަށް މިއެވޯޑު ލިބިއްޖެނަމަ، ސުވިފްޓް ވެގެންދާނީ ވީއެމްއޭގެ ތާރީހުގައި ހަވަނަ ފަހަރަށް މި އެވޯޑު ކާމިޔާބުކުރާ ހަމައެކަނި ފަންނާނަށެވެ
  • .ބެސްޓް ޕޮޕް: މިހާރު 3 އެވޯޑާއެކު އަރިއާނާ ގްރާންޑޭއާއެކު އެއްވަނައިގައި އޮތް ނަމަވެސް، މިއަހަރު ސުވިފްޓް މިއެވޯޑު ހޯދައިފިނަމަ މި ކެޓަގަރީގެ އެންމެ ކުރީގައި އޭނާ އެކަނި ހަމަޖެހިލާނެ އެވެ.
  • ބެސްޓް ޑައިރެކްޝަން: "އޮޕެލައިޓް" ލަވައިގެ ޑައިރެކްޝަނަށް ނޮމިނޭޓް ވެފައިވާއިރު، މިއީ އޭނާ މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ އެވޯޑެކެވެ. މިއަހަރު މިއެވޯޑު ލިބިއްޖެނަމަ ފަސްވަނަ ފަހަރަށް މިއެވޯޑު ހޯދައި އަމިއްލަ ރެކޯޑު އިތުރަށް ވަރުގަދަ ކުރާނެ އެވެ.
  • އާޓިސްޓް އޮފް ދަ އިއާ: 2023 އަދި 2024 ގައި މި އެވޯޑު ހޯދުމަށްފަހު، މިއަހަރުވެސް އޭނާ ވަނީ މި ކެޓަގަރީއަށް ނޮމިނޭޓްވެފަ އެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގެ ޕީކޮކް ތިއޭޓަރުގައި ސެޕްޓެމްބަރު 27 ގައި ބާއްވާ މި ހަފްލާ ހުށަހަޅައިދޭނީ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސުނޫޕް ޑޮގް އެވެ.

އޭނާ ނޮމިނޭޓްވެފައިވާ ކެޓަގަރީތަކުން އިތުރު އެވޯޑުތަކެއް ލިބިއްޖެނަމަ، ސުވިފްޓް ވެގެންދާނީ އެމްޓީވީ ވީއެމްއޭގެ ތާރީހުގައި ބަދަލު ނުކުރެވޭފަދަ ބޮޑު ޝަހުސިއްޔަތަކަށެވެ.