ގިނަ ފަހަރަށް އަހަރެމެން އަރާނެ ބޫޓެއް ނުވަތަ ފައިވާނެއް ހިޔާރު ކުރަނީ އޭގެ ރީތިކަމަށް، ފަސޭހަ ކަމަށް ނުވަތަ އަގަށް ބަލައިގެންނެވެ.

ނަމަވެސް، ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއް ވަންދެން އަރައިގެން އުޅޭ ބޫޓުގެ ސަބަބުން އަހަރެމެން ހިނގާ އުޅޭ ގޮތަށާއި، ކަކުލާއި އުނަގަނޑުގެ ތަރުތީބަށާއި، ހަށިގަނޑު ހުންނަ ސީދާ މިނަށް (ޕޯސްޗާ) ބޮޑެތި އަސަރުތަކެއް ކުރެ އެވެ.

އިންޑިއާގެ މަނީޕާލް ހޮސްޕިޓަލުގެ އޯތޯޕީޑިކް އަދި ރޮބޮޓިކް ޖޮއިންޓް ރިޕްލޭސްމަންޓް ސާޖަރީގެ ކޮންސަލްޓަންޓް ޑޮކްޓަރު ލޯކޭޝް އޭ. ވީރައްޕާ ވިދާޅުވި ގޮތުގައި، ހަށިގަނޑުގެ މުޅި ބިންގަލަކީ އިންސާނާގެ ފައިތިލަ އެވެ.

އަހަރެމެން ހިނގާ ކޮންމެ ފިޔަވަޅަކާއެކު، ހަށިގަނޑުގެ ބަރުދަނުން އުފެދޭ ބާރު ފައިތިލައިން ފެށިގެން ތަނބިކަށި، ކަކޫ، އުނަގަނޑު އަދި ބުރަކަށްޓަށް ދަތުރުކުރެ އެވެ.

ނުބައި ބޫޓަކަށް ނުވަތަ ފައިވާނަކަށް އެރުމުގެ ސަބަބުން ހިނގުމުގެ ގުދުރަތީ ހަމަ ބަދަލުވެ، މި ގުނަވަންތަކަށް އިތުރަށް ބާރު ބޮޑު ވެގެންދެ އެވެ.

އުސް ފައިވާނާއި ތިރި ފައިވާނުގެ ނުރައްކާ

  • އުސް ފައިވާން: ގިނައިރު އުސް ފައިވާނަށް އަރައިގެން އުޅުމުން ހަށިގަނޑު ކުރިއަށް ލެނބި، ތަނބި ކަށްޓާއި ކަކުލުގެ ގުދުރަތީ ހަމަ ބަދަލުވެ އެވެ. މީގެ ސަބަބުން ފައިތިލައިގެ ކުރިއަށާއި ކަކުލަށް ކުރާ ބާރު ބޮޑުވެ، އެ ސަރަހައްދު ތަކުގައި ރިއްސުންތައް އުފެދެ އެވެ.
  • އެއްކޮށް ތިރި ފައިވާން: މުޅިން ތުނި ފައިވާނަށް އެރުމަކީވެސް ހައްލެއް ނޫނެވެ. މިއީ ފައިތިލައަށް ބޭނުންވާ ސަޕޯޓު ނުލިބި، ގިނައިރު ހިނގުމުން ނުވަތަ ކޮޅަށް ހުރުމުން ކަކުލަށާއި ބުރަކަށީގެ ތިރިއަށް ތަދުވުމަށް މެދުވެރިވާ ކަމެކެވެ.

ހަށިގަނޑުގެ ސިފައަށް ކުރާ އަސަރު

ފައިތިލަ ރަނގަޅު މަގާމެއްގައި ނުހުންނަ ނަމަ، އެކަން ހަމައަކަށް އަޅުވައި ބެލެންސް ކުރުމަށްޓަކައި ކަކުލާއި އުނަގަނޑު އިތުރަށް މަސައްކަތް ކުރަންޖެހެ އެވެ. ދުވަސް ވާވަރަކަށް މީގެ ސަބަބުން އިންސާނާ ކޮޅަށް ހުންނަ ގޮތާއި ހިނގާ އުޅޭ ގޮތުގެ ސިފައަށް ބަދަލު އައިސް، ހަށިގަނޑުގެ ތަފާތު ތަންތަނުގައި ނުފިލާ ތަދު އުފެދެ އެވެ.

ރަނގަޅު ބޫޓެއް ހިޔާރު ކުރާނީ ކިހިނެއް؟

ޑޮކްޓަރު ލޯކޭޝް އިރުޝާދު ދެއްވާ ގޮތުގައި ބޫޓެއް ގަންނައިރު ފައިގެ މިންވަރަށް ހެޔޮވަރު، އެކަށީގެންވާ މަޑުކަމެއް ހުރި، އަދި އަރައިގެން އުޅެން ފަސޭހަ ބޫޓެއް ހިޔާރު ކުރުން މުހިންމެވެ.

މީގެ އިތުރުން ކުރާ ކަންކަމާ ގުޅޭގޮތުން (މިސާލަކަށް ދުވުމަށް، ހިނގުމަށް ނުވަތަ ކުޅިވަރު ކުޅުމަށް) ވަކިވަކި ބޫޓު ބޭނުން ކުރުމަކީ ކަކުލާއި، ތަނބިކަށި އަދި ހަށިގަނޑުގެ ސިފަ ރައްކާތެރި ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.