އީރާނަށް އެހީތެރިކަން ފޯރުކޮށްދޭ އިންޑިއާ އާއި ތުރުކީގެ ކުންފުނިތަކަކަށާއި ފަރުދުންނާ ދެކޮޅަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުދަ ދުވަހު އާ ފިޔަވަޅުތަކެއް އަޅައިފި އެވެ. އަދި އީރާނު ސަރުކާރަށް އެހީތެރިވާ ކޮންމެ ފަރާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ދެމިތިބޭނެ ކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފަ އެވެ.
މި ފިޔަވަޅުތަކަކީ ޓްރަމްޕް އިދާރާގެ "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ދަށުން، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ފައިސާ ހޯދުމަށް އީރާނުން ތެޔޮ ވިއްކުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
އީރާނު ހަނގުރާމައާއި، އޭގެ ސަބަބުން އެމެރިކާގެ އިންފްލޭޝަން މައްޗަށް ދިއުމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދުނު ނުރުހުމާއެކު، ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދި މިޑްޓާމް އިންތިހާބަށްފަހު، ޓްރެޜަރީން މި އާ ފިޔަވަޅުތައް އިއުލާނުކުރީ އިންތިޚާބުގެ އެއް ދުވަސް ފަހުންނެވެ.
މިދިޔަ ހަފުތާގައި ޓްރެޜަރީން ބުނެފައިވަނީ އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދު ބަނގުރޫޓުވެ، އެ ގައުމުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓި، އިންފްލޭޝަން 90 އިންސައްތައަށް އުފުލިފައިވާ ކަމަށެވެ.
ބުދަ ދުވަހު އެޅި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އިންޑިއާގެ ސުނީލް ކުމާރު ޝަރްމާ އާއި އޭނާގެ އަންހެނުން ޖަސްޕްރީތު ޕްރީތީ ޝާހިދު ހިންގާ ބޮޑު ކުށްވެރި ނެޓްވޯކަކަށް ކަމަށް އެމެރިކާއިން ބުނެ އެވެ. މީގެ އިތުރުން އެ ދެމަފިރިންގެ ދެ ކުންފުންޏެއް ހިންގާ އިންޑިއާގެ އިތުރު ދެ ރައްޔިތަކަށާއި، ޝަރްމާއާ ގުޅުންހުރި ނުވަ ކުންފުންޏަކަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.
ޓްރެޜަރީގެ ބަޔާނުގައިވާ ގޮތުން، މި ފަރާތްތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ ތެޔޮ އުފުލާ އުޅަނދުތަކަށް، އޮޅުވާލައިގެން އެހެން ގައުމުތަކުގެ ދިދަ އާއި ސެޓްފިކެޓްތައް ހޯދައިދީފަ އެވެ. މީގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ މަދަދުލިބޭ ޖަމާއަތްތަކަށް މަސައްކަތްކޮށްދޭ އުޅަނދުތައް ހިމެނެ އެވެ.
މިގޮތަށް ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކުރުމުގެ ސަބަބުން، ގަވާއިދާ ހިލާފު އަމަލުތައް ހިންގާ އުޅަނދުތަކަށް ބައިނަލްއަގުވާމީ ސަލާމަތީ އަދި ތިމާވެށީގެ ގަވާއިދުތަކުން ރެކިގަތުމުގެ ފުރުސަތު ލިބެ އެވެ. މީގެ ސަބަބުން އެފަދަ އުޅަނދުތަކުން ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ހާދިސާއަކުން ލިބޭ ބޮޑެތި ގެއްލުންތަކަށް ޒިންމާވާނެ އެއްވެސް އިންޝުއަރެންސެއް ނޯވެ އެވެ.
މީގެ އިތުރުން، އީރާނުގެ އޭވިއޭޝަން ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭ ތުރުކީގެ 'ފޫގޯ ގްރައުންޑް ސާވިސަސް' ކުންފުންޏަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.
ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، އީރާނަށް އެހީތެރިވާ ކޮންމެ ފަރާތެއް ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ޓްރެޜަރީން ހާމަކުރި ގޮތުގައި، އިންޑިއާގެ ޗަންދީގަޅުގައި ދިރިއުޅޭ ޝަރްމާ އާއި ޝާހިދު ވަނީ ގަޔާނާ، އެސްވާޓީނީ އަދި ލާއޯސް ފަދަ ގައުމުތަކުގެ ރަސްމީ މަންދޫބުން ކަމަށް ދައުވާކޮށް، އީރާނުގެ އުޅަނދުތަކަށް އެ ގައުމުތަކުގެ ދިދަ އާއި ސެޓްފިކެޓްތައް އޮޅުވާލައިގެން ދޫކޮށްފަ އެވެ.
ޝަރްމާގެ ނެޓްވޯކުން ވަނީ އެކި ގައުމުތަކުގެ ނަމުގައި ވެބްސައިޓްތައް ހަދައި، އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި ފަޅުވެރިން ތަމްރީނުކުރުން ފަދަ ހިދުމަތްތައް ދޭ ކަމަށް ދައްކާފަ އެވެ. އަދި އިންޑިއާގައި ހުރި އެމީހުންގެ ކުންފުނިތައް މެދުވެރިކޮށް މި މަސައްކަތް ހިންގާފައިވާތީ، އެ ކުންފުނިތަކަށްވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ.
ތުރުކީގެ ފޫގޯ ކުންފުނިން ވަނީ އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އީރާނުގެ ބައެއް އެއާލައިންތަކަށް ތުރުކީގައި ގްރައުންޑް ހޭންޑްލިންގެ ހިދުމަތް ދީފަ އެވެ. އޭގެ ތެރޭގައި އިރާން އެއާ ޓުއާ، ސަހާ އެއާލައިންސް، ތާބާން އެއާލައިންސް އަދި އަތާ އެއާލައިންސް ހިމެނެ އެވެ.
މި ފިޔަވަޅުތަކާއެކު، އީރާނުގެ ތެޔޮ ވިއްކުން ހުއްޓުވުމަށް އެމެރިކާއިން ކުރާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ އެވެ. އެމެރިކާއިން ވަނީ ޖުލައި 14 އިން ފެށިގެން އީރާނުގެ ބަނދަރުތައް ބްލޮކްކޮށްފަ އެވެ. އެއީ ހަނގުރާމަ ހުއްޓާލުމަށް ވޮޝިންޓަނާއި ތެހެރާނާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ.
އިންތިހާބު ނާކާމިޔާބުވީ އީރާން ހަނގުރާމައިގެ ސަބަބުން: ވެންސް
"ސަރުކާރަށް 15 އަަހަރު ލިބިއްޖެނަމަ ޑޮލަރު 10އަކަށް ދަށްވާނެ"
ދަރިފުޅަށް 'ނޫނެކޭ' ބުނެ އެގޮތުގައި ހުންނާނީ ކިހިނެތް؟