ރޭގަނޑު ކެއުމަށްފަހު ވަގުތުން ނިދަން އޮށޯތުމަކީ ގިނަ މީހުންގެ އާދަ އެކެވެ. ނަމަވެސް މިއީ ހަޖަ މުކުރުމުގެ ނިޒާމަށާއި، ނިދުމަށް އަދި ސީދާ ހިތުގެ ސިއްހަތަށްވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއްކަން ސިއްހީ މާހިރުންނާއި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވަނީ ހާމަ ކުރައްވާފަ އެވެ.
ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ރޭގަނޑު ކެއުމަށްފަހު ނިދަން އޮށޯތުމުގެ ކުރިން މަދުވެގެން ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަ ކުރަންޖެހެ އެވެ.
ނިދުމުގެ ކުރިން ނުކައި މަޑުކުރަންޖެހޭ ސަބަބުތައް
ރޭގަނޑު ކޭގޮތަށް ނިދަން އޮށޯތުމުން ހަށިގަނޑަށް އެތައް ނޭދެވޭ ބަދަލުތަކެއް އާދެއެވެ.
ކެއުމަށްފަހު ހަށިގަނޑުން ހަޖަމު ކުރުމުގެ ނިޒާމަށް ލޭ ފޯރުކޮށްދެ އެވެ. ނިދާގަޑީގައި ހިތުގެ މަސައްކަތް މަޑުޖެހެންޖެހޭ އިރު، ކެއުމުގެ ސަބަބުން ހިތުން އިތުރަށް މަސައްކަތް ކުރަންޖެހި، މިނެޓެއްގެ ތެރޭގައި ޖަހާ ހިތުގެ ވިންދު މަތިވެ އެވެ.
ކޭ ގޮތަށް އޮށޯތުމުން ބަނޑުގައި ހުންނަ އެސިޑްތައް މައްޗަށް (ކަރުތެރެއަށް) އައުމަށް ފަސޭހަވެ، މޭ އެންދުމާއި އެސިޑް ރިފްލަކްސް ފަދަ މައްސަލަތައް ދިމާވެ އެވެ. އެއާއެކު ހަޖަމު ކުރުމުގެ މަސައްކަތް ހަށިގަނޑުގައި ހިނގަމުންދާނަމަ، އަރާމު އަދި ފުން ނިންޖެއް ލިބުމަށް ހުރަސްއެޅެ އެވެ.
ރޭގަނޑު ގަޑީގައި ހަށިގަނޑުގެ މެޓަބޮލިޒަމް މަޑުޖެހޭތީ އިރުއޮއްސޭ ފަހުން ގިނައިން ކެއުމުން ލޭގައި ހަކުރާއި ކޮލެސްޓްރޯލް މަތިވެ، ދިގު މުއްދަތުގައި ހިތުގެ ބަލިތަކަށް މަގުފަހިވެ އެވެ.
ސިއްހަތަށް ފައިދާހުރި ބައެއް އިރުޝާދުތައް
ކެއުމާއި ނިދުމާ ދެމެދު ދެ ގަޑިއިރާއި ތިން ގަޑިއިރުގެ ވަގުތެއް ދިނުމުން ހަޖަމު ކުރުން ފުރިހަމަވެ، ހިތަށް އަރާމު ލިބެ އެވެ. މީގެ އިތުރުން ރޭގަނޑު ގަޑީގައި ގިނައިން ތެލާއި ކާބޯހައިޑްރޭޓްސް ހުންނަ ކާނާއާ ދުރުވެ، ލުއިކޮށް ކެއުން މުހިންމެވެ. ކެއުމަށްފަހު ކުޑަކޮށް ހިނގާލުމަކީ ހަޖަމު ކުރުން އަވަސްވެ، ލޭގައި އެކުލެވޭ ހަކުރު މަތިވުން ކޮންޓްރޯލް ކޮށްދޭ ކަމެކެވެ.
ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އިރުޝާދު ދެއްވަނީ، ރޭގަނޑު ގަޑީގައި ބަނޑުހައިވެގެން އެއްޗެއް ކާން ބޭނުންވި ނަމަވެސް، ބަރު ކާނާގެ ބަދަލުގައި ކެމޮމައިލް ޓީ ނުވަތަ މަދު ކޮށް ބަދަންކޮޅެއް (ކަޖޫ/ވޯލްނަޓް) ފަދަ ލުއި އެއްޗެއް ބޭނުން ކުރުމަށެވެ.
އެއާއެކު ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ކެއުމުގެ ވަގުތުތައް ކޮންމެ ދުވަހަކު ވެސް އެއްގޮތެއްގައި ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.