ރަސްމާލެ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން އުޅޭ މައްސަލައެއްގައި ފުލުހުންގެ ފޮރެންސިކް ޓީމަކުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓަށް ވަދެ ތަހުގީގެއް ހިންގާފައިވާކަން އެނގިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންގެ ޓީމުން އެ މިނިސްޓްރީއަށް ވަދެފައި ވަނީ މިރޭ 7:30 ހާއިރު އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ވިދާޅުވި ނަމަވެސް، ފޮރެންސިކް ޓީމުން އެ މިނިސްޓްރީގައި ހަރަކާތްތެރިވިކަން މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ އެއްބަސްވުމުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. ދިގު މުއްދަތަކަށް ބިންތައް ދޫކޮށްފައިވާއިރު ދައުލަތަށް ވަގުތުން ލިބޭނެ އާމްދަނީއެއް ނުވަތަ ރައްޔިތުންނަށް ލިބޭނެ ސީދާ މަންފާއެއް ސާފުކޮށް އެނގެން ނެތުމުން، މި މުއާމަލާތުން ހަގީގީ މަންފާ ލިބެނީ ކޮން ބަޔަކަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ދައުލަތަށް 11 ބިލިއަން އެމެރިކާ ޑޮލަރު ވަންނާނެ ކަމަށާއި 54،000 ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ބިންތައް ދޫކޮށްފައި ވަނީ 99 އަހަރަށް ކަމަށް ބުނި ނަމަވެސް، އީގަލް ހިލްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ބިމެއްގައިވާ އިމާރާތެއް ނުވަތަ މިލްކިއްޔާތެއް އެހެން ފަރާތަކަށް ވިއްކާލާ ނުވަތަ ވާރުތަވާ ކޮންމެ ފަހަރަކު އެ 99 އަހަރުގެ މުއްދަތު އަލުން ގުނަން ފަށާނެ އެވެ. މިއީ ރާއްޖޭގެ 5.2 މިލިއަން އަކަ މީޓަރުގެ ސަރަހައްދެއް ދާއިމީކޮށް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލުން ފަދަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.