އުސްފަވާނަކީ އެއްޒަމާނެއްގައި މުއްސަނދިކަމާއި، އާރާއި ބާރު ލިބިގެންވާކަމުގެ ރަމްޒެއް. އޭރު އުސްފައިވާން ބޭނުންކުރީ ރަސް ރަސްކަލުން. ފަހުން "ހައި ހީލްސް" ފެޝަންގެ ދުނިޔޭގައި އަންހެނުން ބޭނުން ކުރަން ފެށުނު. އަސްލު އޮޅުވާލަން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި. އޭގެ ތެރޭގައި ހަގީގީ އިސްކޮޅާއި، ހިނގާގޮތާއި ހުންނަ ހުރުން ހިމެނޭ. ހައި ހީލްސް އަކީ އެތައް ގޮތަކުން ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއްކަން ސިއްހީ މާހިރުން މިއަދު ވިދާޅުވޭ.

ތާރީޚް ހެކިދޭ ގޮތުގައި އުސްކޮށް ހުންނަ ފައިވާން އެންމެ ކުރިން ބޭނުންކުރީ ޔޫރަޕްގެ ބައެއް ރަސް ރަސްކަލުންނެވެ. އެ ޒަމާނުގައި އުސް ފައިވާނަކީ، އެ ބޭނުންކުރާ މީހެއްގެ އާރާއި ބާރު އަދި މުއްސަދިކަން ދައްކުވައިދޭ ރަމްޒެކެވެ. ފަހުން ފެޝަންގެ ދުނިޔެއާ ހައި ހީލްސްއާ ގުޅުވުނެވެ. ހައި ހީލްސްއަށް އަރާފައި ތިބޭ މީހުންނަކީ އިއްޒަތްތެރި، ބާރުގަދަ އަދި ރީތި މީހުން ކަމުގައި ބެލެވެން ފެށުނެވެ.

އަންހެނުން ފެޝަނެއްގެ ގޮތުގަ އާއި ހައި ހީލްސް ނުވަތަ އުސް ފައިވާން ބޭނުންކުރީ އެއިން އެ މީހުން ހިތްހަމަޖެހޭ ގިނަ ކަންތައްތަކެއް ހާސިލް ކޮށްދޭތީ އެވެ. އެއިން އެއްކަމަކީ ހަށިގަނޑުގެ ވަނާތައް އެނގޭނެ ގޮތަށް ހަށިގަނޑު ބަހައްޓައި ދޭތީ އެވެ. ހައި ހީލްސްއަށް އެރުމުން ޅިނދު ކަށިގަނޑު ފަހަތައް ގެންގޮސް މޭމަތި ކުރިއަށް ޖައްސުވައި ދެ އެވެ.

ހައި ހީލްސް އިން ފުއްދައިދޭ ދެވަނަ ބޭނުމަކީ ދިގު ދެފައި ލިބިގެންވާ ކަމަށް ދައްކުވައި ދިނުމެވެ. އޭގެ ސަބަބުން އަންހެނާގެ އިސްކޮޅު ދިގު ކަމަށާއި ހަށިގަނޑު ލޫޅާފަތި ކަމަށް ދައްކުވައި ދެ އެވެ. ތިންވަނަ ސަބަބަކީ ހައި ހީލްސްއަށް އަރައިގެން ހިނގަމުންދާއިރު އަންހެނާގެ ހިނގުމުގައި އަސަރުގަދަ ގޮތްތަކެއް ދައްކުވައި ދޭތީ އެވެ.

ފެޝަންގެ ދުނިޔެއިން ދައްކާ ދަޅައިން އެކަހެރިވެލުމުން އުސް ފައިވާން ކިޔައިދެނީ މުޅިން އެހެން ވާހަކައެކެވެ. ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި ހައި ހީލްސް އަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކެވެ. އެއީ އެއަށް އެރުމުން މުޅި ހަށިގަނޑުގެ ބަރުދަން ކުރިއަށް ޖައްސައި، ހަށިގަނޑު ގުދުރަތީ ގޮތުން ހުންނަންވާ ގޮތަށް ބަދަލުތަކެއް ގެނުވަދޭތީ އެވެ. ނަތީޖާއަކަށް ވަނީ ފަޔަށާއި މައި ބަދައަށް ދެމި ބާރުކުރުމެވެ.

ހައި ހީލްސްއަށް އަރައިގެން ހުންނައިރު މުޅި ފަޔަށް ހަށިގަނޑުގެ ބަރުދަން އެއްވަރަކަށް ބެހިގެން ދިއުމުގެ ބަދަލުގައި، ފައިގެ ކުރީކޮޅަށް ބަރުދަނުގެ ބޮޑުބައެއް ޖަމާވެ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި އެއީ މުޅި ހަށިގަނޑުގެ 75 ޕަސެންޓެވެ. ބާކީ ބައި ދަނީ ފުންނާބަށެވެ. އޭގެ ސަބަބުން ފައިގެ އިނގިލިތައް ނާރުތަކާއެކު ފިތި ދުޅަވާން ފަށަ އެވެ. އަދި ފުންނާބުގައި ރިހުން އުފެދެން މެދުވެރިވެ އެވެ.

މީގެ އިތުރުން އަބަދު ފައި އުފުލިފައި ހުރުމުން ފައިގެ ކުޑަހުޅުގެ ބާރު ދަށްވެ، ފަސޭހައިން ފައި އެނބުރި ކުޑަހުޅަށް ގެއްލުން ލިބުމަށް ވެސް މަގުފަހިވެ އެވެ. މިކަމަކީ ކުޑަކަޅުވާ މަސްގަނޑަށާއި، ކަކުލު ހުޅަށް ވެސް ގެއްލުން ހުރި ކަމެކެވެ. އަދި އުނގަނޑުގެ ރިހުން އުފައްދާނެ ސަބަބެއް ވެސް މެ އެވެ.

ހައި ހީލްސް ފައިވާނަކީ ގިނައިރު އަރައިގެން ހުރުމުން ފަޔަށާއި މުޅި ހަށިގަނޑަށް ސިއްހީ ގޮތުން އެތައް ގެއްލުމެއް މެދުވެރި ކުރުވާ އެއްޗެކެވެ. ވީމާ ގިނައިރު ހައި ހީލްސް ބޭނުން ކުރުމުގެ ބަދަލުގައި ފަޔަށް ފަސޭހަ ތިރި ފައިވާނެއް ޚިޔާރު ކުރުން މުހިންމެވެ.