އަމެރިކާގެ މަޝްހޫރު ރެޕާ އަދި ބިލިއަނަރު ޖޭ-ޒީ (ޝޯން ކާޓާ) އަންހެނަކު ރޭޕްކުރި ކަމަށް ބުނެ މީގެ ކުރިން ތުހުމަތުކުރި އެ އަންހެންމީހާ، އެ ތުހުމަތުތައް އަނބުރާ ގެންގޮސް، އެއީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް ކޯޓުގައި އެއްބަސްވެއްޖެ އެވެ.

މޭންހަޓަންގެ ފެޑެރަލް ކޯޓަށް ހުށަހެޅި 12 ސަފުހާގެ ހުވާކޮ ށްފައިވާ ބަޔާނެއްގައި، "ޖޭން ޑޯ"ގެ ނަމުން ނަންދެވިފައިވާ މި އަންހެން މީހާ ބުނެފައިވަނީ، ޖޭ-ޒީއާ އޭނާ ދުވަހަކުވެސް ބައްދަލު ވެފައިނުވާ ކަމަށާއި އަދި ވާހަކަ ދެކެވިފައި ވެސް ނުވާ ކަމަށެވެ.

އެއާއެކު ޖޭ-ޒީ އޭނާއާމެދު އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައި ނުވާކަމަށާއި، އޭނާ ކުރި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

މި މައްސަލަ ފެށިގެން އައީ 2024 ވަނަ އަހަރުގެ ފަހުކޮޅު، ޝޯން "ޑިޑީ" ކޯމްބްސްއާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރަން ބޭނުންވާ މީހުން ހޯދުމަށް ފޭސްބުކްގައި ޖެހި އިޝްތިހާރަކަށް އޭނާ ޖަވާބު ދިނުމުންނެވެ.

އެއަށްފަހު ޖޭންގެ ވަކީލު ޓޯނީ ބުޒްބީގެ ލޯ ފާމުން ވަނީ 2000 ވަނަ އަހަރުގެ އެމްޓީވީ ވީއެމްއޭ އެވޯޑްސްގެ ހަފުލާއަކަށްފަހު، ޑިޑީއާއި ޖޭ-ޒީ ވެގެން އޭނާ ރޭޕްކުރި ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ނަމަވެސް، ޖޭންގެ މިހާރުގެ ވަކީލު ޖޭމްސް ބްލެއާ ނިއުމަން ވިދާޅުވީ، އޭނާގެ މުވައްކިލަށް ކުޑައިރު ޖިންސީ އަނިޔާއެއް ލިބުނު ކަމަށް ގަބޫލުކުރި ނަމަވެސް، އެކަން ކުރި މީހާއަކީ ޖޭ-ޒީ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށެވެ.

އެއާއެކު ކުރީގެ ވަކީލުން މި މައްސަލަ ކޯޓަށް ހުށަހެޅީ އެއްވެސް މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ނުކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ސައްހަ ނޫން ތުހުމަތުތަކުގެ ސަބަބުން ޖޭ-ޒީއާއި އޭނާގެ އާއިލާއަށް ލިބުނު ބޮޑު ހިތާމައާއި ގެއްލުންތަކަށްޓަކައި އެ އަންހެން މީހާ ވަނީ މައާފަށް އެދިފައެވެ.

މި ބަޔާނާ ގުޅިގެން، ޖޭ-ޒީގެ ވަކީލުން ވަނީ އަބުރާ ބެހުމުގެ މައްސަލައިގައި އެ އަންހެން މީހާއާ ދެކޮޅަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

ނަމަވެސް، މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅުނު ކަމަށް ބުނެ، މި މައްސަލަ ފުރަތަމަ ހުށަހެޅި ވަކީލު ޓޯނީ ބުޒްބީއާއި އޭނާގެ ލޯ ފާމާ ދެކޮޅަށް ޖޭ-ޒީ ކުރާ ދައުވާތައް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.