ޏ. ފުވައްމުލަކުގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ހަސަން ފަރީދު މެރުމަށް ހުކުމްކުރި ހުކުމް 16 އަހަރުފަހުން ސުޕްރީމް ކޯޓުން މިއަދު ދަމަހަައްޓައިފި އެވެ.

ޖެނުއަރީ، 2010 ގައި ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފްކުރީ ފަރީދުގެ ފަރާތުންނެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި އެ މައްސަލާގައި ކުރެއްވި ހުކުމުގައިވަނީ ފަރީދު މެރުމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ފަރީދު މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމާއެކު, އޭނާގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުނީ އެވެ. ނަމަވެސް އިސްތިއުނާފް މަރުހަލާތައް ނިމުނު ނަމަވެސް ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1954 ވަނަ އަހަރު އެވެ.