ރާއްޖޭގެ ރިސޯޓްތަކާއި ފަތުރުވެރިކަމުގެ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުނުކޮށް، އެ ފައިސާ ނެގުނު ބޭރު ފައިސާއިން ދިނުމަށް މަޖުބޫރުކުރާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު، އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފިއެވެ. މި އިސްލާހު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ހުއްޓިފައިވާތީ، މުވައްޒަފުންނަށް ލިބެންޖެހޭ ހައްގުތައް ގެއްލެމުންދާ ކަމަށް މެންބަރުން ބުނެ އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ، ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދިވެހި ރުފިޔާއަށް މާރުނުކޮށް، އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް، މި ބިލް ކޮމިޓީ މަރުހަލާގައި ހުއްޓިފައިވަނީ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ފާހަގަކުރެވިފައިވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދަނީ ރުފިޔާއިން ކަމަށާއި، މިއީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއްގެ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތަށް ރުފިޔާއަށް މާރުކުރުމުގެ ސަބަބުން، މުވައްޒަފުންނަށް ލިބެންޖެހޭ ސާވިސް ޗާޖުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ނުލިބި، އެކަމަށް ހުރަސް އެޅޭ ކަމަށް ކުޑޫގެ ސިޓީގައި ބުނެ އެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެތައް ހާސް ދިވެހި މުވައްޒަފުންގެ ދިރިއުޅުމާ ސީދާ ގޮތުން ގުޅިފައިވާ މި އިސްލާހު، ކޮމިޓީ މަރުހަލާއިން އަވަހަށް ނިންމައި މަޖިލީހުގެ ތަޅުމުން ގޮތެއް ކަނޑައެޅުމަށް ކުޑޫ ވަނީ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ގޮވާލައްވާފަ އެވެ.

މި އިސްލާހުގައި ސާވިސް ޗާޖު ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށް ބުނުމުގެ އިތުރުން، ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި އައުޓްސޯސްކޮށްގެން ދޭ ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމަށް ހުށަހަޅާފައިވެ އެވެ. އެގޮތުން، ފަތުރުވެރިންނަށް ސީދާ ގޮތެއްގައި ހިދުމަތްދޭ އައުޓްސޯސް މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ލިބޭނެ ގޮތެއް ހަމަޖެހިގެންދާނެ އެވެ.

މިހާރު އޮންނަ ގޮތުން، ރާއްޖޭގެ ރިސޯޓްތަކުގައި ވޯޓާ ސްޕޯޓްސް، ޑައިވް ސެންޓަރު އަދި ސުވެނިއާ ޝޮޕްތައް ފަދަ ތަންތަން ހިންގަނީ އެހެން ކުންފުނިތަކަކުންނެވެ. މިފަދަ ތަންތަނުގެ މުވައްޒަފުންނަށް ރިސޯޓްގެ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު ނުލިބެ އެވެ. އަދި އެ މީހުންނަށް މުސާރަ ދެނީ ވެސް ރިސޯޓްތަކުން ނޫނެވެ.

ބިލް ހުށަހެޅުއްވި މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ، ޓޫރިޒަމް ދާއިރާގެ ތަންތަނުން ސާވިސް ޗާޖު ނަގާ ނަމަވެސް، ގާނޫނުގައި އޮންނަ ގޮތަށް މުވައްޒަފުންގެ މެދުގައި ބަހާއިރު، އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ދިނުމުގެ ސަބަބުން، މުވައްޒަފުންނަށް އޭގެ ފުރިހަމަ މަންފާ ނުލިބޭތީ ކަމަށެވެ. އެހެންކަމުން، މި ބިލްގެ މަގުސަދަކީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ހައްގު ފުރިހަމައަށް ލިބިދިނުން ކަމަށް ބަޔާންކޮށްފައިވެ އެވެ.