ވޮޝިންޓަން (19 މެއި) - އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާ ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެ ސުވާލުން ފިއްލަވަން މަސައްކަތް ކުރައްވައިފި އެވެ.

މި ހާދިސާ ދިމާވީ އެމެރިކާގެ މިޗިގަންގައި ކަރަންޓް ޕިކަޕެއްގެ ޓެސްޓް ދަތުރެއްގައި ބައިޑަން ބައިވެރިވެ އުޅުއްވަނިކޮށެވެ.

ހަނަފަސް ހުސް ބިމެއް ކަމަށް ބެލެވޭ ތަނަކުން އެ ޕިކަޕް ދުއްވާފައި ދަނިކޮށް ނޫސްވެރިންތަކެއް ޕިކަޕް ހުއްޓުވައި މެދުއިރުމަތީގެ މަސްރަހާ ބެހޭ ގޮތުން ބައިޑަން އާ ސުވާލުކުރުމުން އެމަނިކުފާނު ވަނީ ޕިކަޕްގެ އެކްސެލެލޭޓަރު ރޭސްކުރައްވައި ބާރު ސްޕީޑެއްގައި ނޫސްވެރިންނާ ދުރަށް ވަޑައިގަނެފަ އެވެ.

އެއާއެކު އެތަނުގައި ތިބި ނޫސްވެރިން ހޭން ފެށި އަޑު އާއްމުވެފައިވާ އެ ހާދިސާގެ ވީޑިއޯއަކުން ފެނެ އެވެ.

https://www.youtube.com/watch?v=VFy0v3IEIwc

މީގެ ކުރިން މިޗިގަންއަށް ވަޑައިގަތް ވަގުތު ވެސް ބައިޑަން އަށް ވަނީ އެފަދަ ހާލަތެއް ކުރިމަތިވެވަޑައިގެންފަ އެވެ. އެއާފޯސް ވަން ފްލައިޓުން ފައިބާވަޑައިގެންނެވުމާއެކު އެމަނިކުފާނާ ބައްދަލުވީ އިޒްރޭލު- ފަލަސްތީނުގެ މަސްރަހަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކަށް އެންމެ ބާޑަށް ފާޑު ވިދާޅުވާ ފަލަސްތީނުގެ ދަރިކޮޅަށް ނިސްބަތްވާ ސެންޓަރު ރާޝިދާ ތްލައިބް އާ އެވެ. ކުރު އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ކުޑަ ވަގުތު ކޮޅަކަށް ވާހަކަ ވެސް ދައްކަވާފަ އެވެ.

އެމެރިކާއަކީ އިޒްރޭލަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި ފާހަގަވެފައިވާ ގައުމެކެވެ. މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ކުރިން އެ ގައުމުން ވަނީ އިޒްރޭލަށް އެތައް މިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކުމަށް ހުށައަޅާފަ އެވެ.-- ބީބީސީ