އޮޑިޓް އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް އެ އޮފީހުން އެދިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ. އޮޑިޓު އޮފީހަށް ފާސްކޮށްދިން ބަޖެޓުގެ ތެރެއިން 90.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އެ އޮފީހުގެ ރިކަރަންޓް ހަރަދާއި ހަރުމުދާ ހޯދުމަށެވެ.

އޭގެ އިތުރުން ބަޖެޓުގެ ބާކީ 43.5 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އޮޑިޓު އޮފީހުގެ އާ އިމާރާތުގެ މަސައްކަތްތަކަށެވެ. މިއީ މި އަހަރުގެ ރިވައިޒްޑް ބަޖެޓާ އަޅާބަލާއިރު 700,000 ރުފިޔާ ދަށް އަދަދެކެވެ.

ރިކަރަންޓު ހަރަދުގެ ތެރެއިން 55.8 މިލިއަން ރުފިޔާ ހިނގާނީ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ. މިއީ މުވައްޒަފުންގެ މުސާރައަށް މި އަހަރު ކަނޑައެޅި އަދަދަށްވުރެ 4.5 މިލިއަން ރުފިޔާ ނުވަތަ 7 ޕަސެންޓުގެ ކުޑަވުމެކެވެ.

އަންނަ އަހަރު އޮޑިޓު އޮފީހަށް 14 އާ މުވައްޒަފުން ނެގުމަށް 3.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން 9 މުވައްޒަފުން ނަގަނީ މި އަހަރު އުފެއްދި "އޮޑިޓް ކޮލިޓީ ރިވިއު އެންޑް މޮނިޓަރިން ޑިޕާޓްމަންޓް" އާއެކު އިތުރުވި އޮޑިޓްތަކުގެ މަސައްކަތަށެވެ.

އާ މުވައްޒަފުންނަށް ބޭނުންވާ ލެޕްޓޮޕާއި މޭޒު ފަދަ މަސައްކަތުގެ ވަސީލަތްތައް ހޯދުމަށް 700,000 ރުފިޔާ ވަނީ ހިމަނާފަ އެވެ. މުސާރައިގެ ބަޖެޓު ކުޑަވީ ފިނޭންސް މިނިސްޓްރީގެ ބަޖެޓު ސީލިންގަށް ފެއްތުމަށްޓަކައި ހާޒިރީ އެލަވަންސާއި އަސާސީ މުސާރަ ލަފާކުރި ގޮތަށް ބަދަލު ގެނައުމުންނެވެ.

އޮޑިޓު އޮފީހުގެ އިދާރީ ހަރަދަށް 19.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ދަތުރުފަތުރަށް 10.6 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މުވައްޒަފުން ތަމްރީނުކުރުމަށް 611,211 ރުފިޔާ އަދި އޮޑިޓާ ޖެނެރަލްގެ މުސާރައާއި އިނާޔަތްތަކަށް 981,000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މާލިއްޔަތު ކޮމިޓީއަށް ދީފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، މި އަހަރުގެ ބަޖެޓުގެ ތެރެއިން ސެޕްޓެމްބަރުގެ ނިޔަލަށް ހަރަދުވެފައިވަނީ 61 ޕަސެންޓެވެ. އަހަރު ނިމޭއިރު ރިކަރަންޓު ބަޖެޓުން 13.7 މިލިއަން ރުފިޔާ އަދި އާ އިމާރާތުގެ ބަޖެޓުން ބޮޑު ބައެއް ހަރަދުނުވެ ބާކީވާނެ ކަމަށް އަންދާޒާކުރެވެ އެވެ.

އޮޑިޓު އޮފީހުގެ އަންނަ އަހަރުގެ މަސައްކަތު ޕްލޭންގައިވާ ގޮތުން، ކުރުމަށް ރާވާފައިވާ 394 އޮޑިޓުގެ ތެރެއިން 120 އޮޑިޓަކީ ނުނިމި ހުރި އޮޑިޓުތަކެވެ. މީގެ ތެރޭގައި ތިލަމާލެ ބްރިޖު މަޝްރޫއާއި އެޗްޑީސީގެ ބިން ވިއްކުމާއި ހިއްކުމުގެ މަޝްރޫއުތަކުގެ ހާއްސަ އޮޑިޓުތައް ހިމެނެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލް ހިންގި ގޮތުގެ އޮޑިޓްތައް އެ އޮފީހުން ނުކުރެ އެވެ.