ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 8:50 އިން ފެށިގެން 22:30 އާ ހަމައަށެވެ. މިއަދު ހަވީރު 5:00 އިން ފެށިގެން އެ ސަރަހައްދުތަކަށް ފުރަތަމަ ނެރުނީ ރީނދޫ އެލާޓް ނަމަވެސް، ވިއްސާރައިގެ ބާރު އިތުރަށް ގަދަވަމުން ދިޔުމާ ގުޅިގެން އެލާޓްގެ ދަރަޖަ ވަނީ ތިންވަނަ ލެވެލް ކަމަށްވާ އޮރެންޖަށް މަތިކޮށްފަ އެވެ. އާންމު އުސޫލުން އޮރެންޖު އިންޒާރު ނެރެނީ ގަޑިއިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭ ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގަ އެވެ.
ހުއްޓުމެއް ނެތި ވެހެމުންދާ ބޯވާރޭގެ ސަބަބުން ވެރިރަށް މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރައްޔިތުންނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގެތަކަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލިބަސްތާ ޖެހުމަށާއި، ކާބޯތަކެއްޗާއި ހިފާގެންގުޅޭ އަގުބޮޑު ސާމާނުތައް ފެނުގެ އަސަރު ނުކުރާނެ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފަ އެވެ.
މީގެއިތުރުން، ވައިގަދަވުމުގެ ސަބަބުން އެއްލާލަފާނެ ތަކެތި ރަނގަޅަށް ހަރުކުރުމަށާއި، ބޭނުން ނުކުރާ ކަރަންޓު ސާމާނުތައް ނިއްވާލުމުގެ އިތުރުން ޒަރޫރީ ސާމާނު ރައްކާކޮށް ތައްޔާރީ ހާލަތެއްގައި ތިބުމަށް ވެސް ވަނީ އެދިފަ އެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އަދި އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ރާއްޖޭގެ ހުޅަނގުން ބޯވިއްސާރަ ވިލާތައް މެދުނުކެނޑި އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
ކުރިއަށް އޮތް ތިން ދުވަހު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް އިންތިހާއަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ކަންކަން ފުރިހަމައަށް ހަމަޖެހިފައިވޭތޯ ބެލުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.
މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު އެލާޓް ނެރެފި
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމާމެދު ރައީސްގެ ޖަވާބެއް ނެތް
ދިރާގު ޓިކްޓޮކް ގިވްއަވޭ: އައިފޯން 18 ޕްރޯ މެކްސްއެއް
ވައިގަދަވެ ބޯކޮށް ވާރޭވެހޭނެތީ ކ އަތޮޅުން ލ އަށް ރީނދޫ އެލާޓް