އިނގިރޭސިވިލާތުގެ ކުރީގެ ކޮމެޑީ އެކްޓަރު ރަސަލް ބްރޭންޑް އަންހެނަކު ރޭޕްކުރުމާއި އިތުރު ތިން އަންހެނަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، 10 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ލަންޑަނުގެ ސައުތުވާކް ކްރައުން ކޯޓުގައި ހޯމަ ދުވަހު އިއްވި މި ހުކުމުގައި ފަނޑިޔާރު ޖޮއެލް ބެނަތަން ވިދާޅުވީ، މުޅި ޝަރީއަތުގެ ތެރޭގައި ބްރޭންޑް ގިނަ ދޮގުތަކެއް ހަދާފައިވާ ކަމަށެވެ. އަދި އޭނާއަށް "ނޫނެކޭ" ބުނި އަންހެނުންނަށް އޭނާ ދީފައިވަނީ ވަރަށް އިހުތިރާމް ކުޑަ އަދި ބޮޑާ އަނިޔާ ކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

"މީގެ 20 އަހަރު ކުރިން، ރަސަލް ބްރޭންޑް، ދިޔައީ މަޝްހޫރުވަމުން، އޭނާއަކީ ހުޝިޔާރު، އަދި ގިނަ ބައެއްގެ ކުރިމަތީގައި މަޖާ އަދި ޝަހުސިއްޔަތު ވަރުގަދަ މީހެއް. ނަމަވެސް އޭނާ ވެފައިވަނީ ޖިންސީ ޝިކާރަވެރިއަކަށް." ފަނޑިޔާރު ބެނަތަން ވިދާޅުވި އެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވީ، އަންހެނުން ކޮންމެ ހެދުމެއް އެޅިކަމުގައިވިޔަސް، ކޮންމެ ތަނަކަށް ދިޔަ ނަމަވެސް، އަދި ކޮންމެ އެއްޗެއް ބުއި ކަމުގައިވިޔަސް، "ނޫނެކޭ" ބުނުމުގެ ހައްގު އެމީހުންނަށް އޮންނާނެ ކަމަށެވެ. އަދި ބްރޭންޑް ފަދަ ޖިންސީ ޝިކާރަވެރިން އެމީހުންގެ ރުހުމާ ނުލައި އަމަލުކުރުމުން، ޖިނާއީ ކޯޓުތަކުން އިންސާފަށް އެދުމުގެ ހައްގު އެމީހުންނަށް ލިބިގެންވާ ކަމަށްވެސް ވިދާޅުވި އެވެ.

ކޯޓަށް ހާޒިރުވިއިރު ބްރޭންޑާ އެކު އޭނާގެ އަނބިމީހާ ލޯރާ ގަލަގާ އަދި ބައްޕަ ރޮން ބްރޭންޑް ބައިވެރިވި އެވެ. ބްރޭންޑްގެ މައްޗަށް އިއްވި ހުކުމުގެ ތިންބައިކުޅަ ދެބައި ނުވަތަ ގާތްގަނޑަކަށް ހަތް އަހަރު ޖަލުގައި ހޭދަކުރުމުން ނޫނީ ޕެރޯލްގެ ދަށުން މިނިވަންވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ބްރޭންޑްގެ މައްޗަށް ވަނީ ރޭޕްކުރުމުގެ އެއް ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ ސާބިތުވެފަ އެވެ. ނަމަވެސް ރޭޕްގެ ދެ ދައުވާއަކާއި ބަދުއަހުލާގީ އަމަލެއް ހިންގަން އުޅުމުގެ އެއް ދައުވާ ސާބިތެއް ނުވެ އެވެ. ޕްރޮސިކިއުޓަރު ރިއަލް ކާމީ ޖޯންސް ބްރޭންޑް ސިފަކުރެއްވީ އަންހެނުންނަކީ އެއްލާލެވޭ މުދަލެއްގެ ގޮތުގައި ދެކޭ، ރަހުމެއް ނެތް، މަކަރުވެރި ޖިންސީ ޝިކާރަވެރިއެއްގެ ގޮތުގަ އެވެ.

އޭނާގެ މަޝްހޫރުކަމުގެ ސަބަބުން ލިބުނު ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަންހެނުންނާ ގާތްވުމަށް މަގުފަހިކޮށް، މިފަދަ ކުށްތައް ކުރި ކަމަށް ޕްރޮސިކިއުޓަރު ވިދާޅުވި އެވެ.

ހުކުމް އިއްވުމުގެ ކުރިން، 2004 ނުވަތަ 2005 ވަނަ އަހަރު ބްރޭންޑްގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެނަކު ކޯޓުގައި ބުނީ، ބްރޭންޑަކީ އެއްވެސް ދެރަވުމެއް ނެތް ޖިންސީ ޝިކާރަވެރިއެއް ކަމަށެވެ. އަދި 2009 ވަނަ އަހަރު ރޭޕްގެ ޝިކާރައަކަށްވި މީހަކު ބުނީ، އެ ހާދިސާގެ ސަބަބުން ލިބުނު ނަފްސާނީ ބިރުވެރިކަމުގައި އޭނާ އަދިވެސް ދިރިއުޅެމުންދާ ކަމަށެވެ.

ބްރޭންޑަކީ 2000 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގައި ވަރަށް މަޝްހޫރުވި ކޮމެޑީ އެކްޓަރެކެވެ. އޭނާ ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއާ 2010 ވަނަ އަހަރު ކައިވެނިކޮށް، 2012 ވަނަ އަހަރު ވަރިވެފަ އެވެ.

ބްރޭންޑާ ދެކޮޅަށް މައްސަލަ ހުށަހެޅީ 1999 އާއި 2009 އާ ދެމެދު އޭނާގެ ފަރާތުން އަނިޔާ ލިބުނު ހަ އަންހެނުންނެވެ. މި މީހުން ފުލުހުންނަށް މައްސަލަ ހުށަހެޅީ 2023 ވަނަ އަހަރު ނެރުނު ޑޮކިއުމެންޓްރީއަކާއި ނޫސް ރިޕޯޓްތަކަށް ފަހުގަ އެވެ.

ސާބިތުވި ކުށްތަކުގެ ތެރޭގައި 2009 ވަނަ އަހަރު އޭނާގެ ގޭގައި ހިންގި ރޭޕްގެ ހާދިސާއަކާއި، 2004 ވަނަ އަހަރު ބާއެއްގެ ތެރޭގައި އަންހެނެއްގެ އުރަމަތީގައި ހިފި މައްސަލައެއް ހިމެނެ އެވެ. މީގެ އިތުރުން 2009 ވަނަ އަހަރު އަންހެނަކަށް މަޖުބޫރުކޮށްގެން މަސާޖުކުރުވި މައްސަލައަކާއި، ރޭޑިއޯ ސްޓޭޝަނެއްގައި މަސައްކަތްކުރި އަންހެނަކު ފާރަށް ލައްކޮށް ބާރުގެ ބޭނުންކޮށްގެން ބޮސްދިން މައްސަލައެއްވެސް ސާބިތުވެފައިވެ އެވެ.

ނަމަވެސް ބްރޭންޑް ވަނީ މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނާ ގޮތުގައި އޭނާ ކުރިން އުޅުނީ ވަރަށް މިނިވަން ޖިންސީ ދިރިއުޅުމެއް ނަމަވެސް، ދުވަހަކުވެސް މީހެއްގެ ނުރުހުމުގައި ޖިންސީ އަމަލެއް ހިންގާފައެއް ނުވެ އެވެ.

މި ހުކުމަށްފަހު ފުލުހުން ބުނެފައިވަނީ ބްރޭންޑާ ދެކޮޅަށް އިތުރު ދެ ރޭޕްގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ފުލުހުން ވަނީ ބްރޭންޑްގެ ފަރާތުން އަނިޔާ ލިބިފައިވާ އިތުރު ބަޔަކު ތިބި ނަމަ އެކަން އެންގުމަށް އިލްތިމާސްކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މިއީ ކިތަންމެ ނުފޫޒުގަދަ މީހަކު ނަމަވެސް ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެކަން ސާބިތުކޮށްދޭ ކަމެކެވެ.