ރަސްމާލޭގެ ބިންހިއްކުމުގެ މަޝްރޫއަށް ޖުމްލަ ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރަސްމާލެ ހިއްކަން ހަރަދުވި މިންވަރާ ބެހޭގޮތުން "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވަނީ މަޝްރޫއުގެ އަގުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ކުރިން ލަފާކުރީ މި މަޝްރޫއަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށެވެ. އެއީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއެކު އޭރުގެ މާކެޓް އަގުތަކަށް ބަލައިގެން އޭރު ދެންނެވި އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު ނިމެންވާއިރަށް ބިންހިއްކުމުގެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ކުޑަ މިންވަރެއް ނުހިއްކި ހުރުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ. ޖުމްލަ 1000 ހެކްޓަރު ހިއްކައި ނިންމުމަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށާއި އެއީ 500 ހެކްޓަރަށް 150 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ރަސްމާލެ ހިއްކަން ބޮޑު އަގެއްދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. ބިންހިއްކުމުގެ އަގު އަދާކުރިއިރު ދިވެހި ރުފިޔާއިންވެސް ފައިސާ ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހިއްކާ ރަސްމާލޭގެ ދެބައިކުޅަ އެއްބައި ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ހިލޭ ދާއިމަށް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ރައްޔިތުންނަށް ރިސޯޓް ހިއްސާ ބަހަން ކުންފުންޏެއް އުފައްދައިފި
