އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ގަތަރާއި ސައޫދީ އަރަބިއްޔާއިން ބޭނުންވާ ކަމަށާއި، ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އަސްކަރީ ހަމަލާތައް ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

މީގެއިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އެޅުމަކީ މިވަގުތަށް މުހިންމު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށްފަހު ރޮއިޓާސްއަށް ދެއްވި ކުރު ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ގަތަރުން ބޭނުންވަނީ ސުލްހަވެރި ހައްލެއް ކަމަށެވެ. ނަމަވެސް، އެމެރިކާއިން ބޭނުން ކޮންމެ ވަގުތެއްގައި ހަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

ޓްރަމްޕާއި ގަތަރުގެ ބޮޑުވަޒީރާ ދެމެދު ބޭއްވުނު ބައްދަލުވުމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން އަލް އަރަބިއްޔާ އިންގްލިޝްއަށް މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެކެވެ. އެހެންނަމަވެސް، އިތުރު މަސައްކަތްތަކެއް އަދި ކުރަންޖެހޭ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

އަދި އީރާނަށް އަލުން ހަމަލާދިނުމުގެ ފުރުސަތު އެމެރިކާގެ ރައީސް މުޅިން ބަންދުނުކުރައްވާ ކަމަށްވެސް އެ މަސްދަރުތަކުން ބުނެފައިވެ އެވެ.

ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ ވިދާޅުވީ، ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވޭންސްއާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކީ އުންމީދީ މަޝްވަރާތަކެއް ކަމަށެވެ. "ސަރަހައްދަށް ސުލްހަ ގެނައުމަށާއި އެއްބަސްވުމަކަށް އައުމަށް ކުރެވުނު މި ބިނާކުރަނިވި މަޝްވަރާތަކަށްޓަކައި ޝުކުރުވެރިވަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.