މި ސަރުކާރުގެ ވިސްނުމަކީ ވަޒީފާތައް ބަހައިގެން ވޯޓު ހޯދުން ކަމަށާއި، ނަމަވެސް އެގޮތަށް ވަޒީފާ ބަހައިގެން މިހާތަނަށް އެއްވެސް ބަޔަކަށް ވޯޓު ހޯދިފައި ނުވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ވަޒީފާ ބަހައިގެން ކާމިޔާބު ނުވި ކަމަށެވެ. އަދި މި ސަރުކާރުން ވެސް އިންތިހާބުތަކާއި ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ވަޒީފާ ބަހައިގެން ވޯޓު ހޯދިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކުރެވެމުންދާ އިސްރާފު އިންތިހާއަށް ބޮޑު. ސަރުކާރުގެ އުންމީދަކީ މި ދެވޭ ވަޒީފާތަކުގެ ސަބަބުން ސަރުކާރަށް ވޯޓެއް ލިބިދާނެ ކަމުގެ އުންމީދުކޮށްގެން ތިބުން. އެހެންނަމަވެސް ސަރުކާރަށް އެނގިވަޑައިގަންނަވަންވީ ހަގީގަތްތަކެއް އެބަހުރޭ. އެއްވެސް ސަރުކާރަކުން ވަޒީފާ ބަހައިގެނެއް ވޯޓެއް ހޯދިފައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓު ހަރަދު ކަމަށާއި، މުސާރައާއި އިނާޔަތްތަކަށް 14.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށެވެ. މިއީ މި އަހަރަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ރަށްރަށުގެ އިންޖީނުގެތަކުގައި މުވައްޒަފުން ތިބީ ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރަށް ކަމަށް ވިދާޅުވެ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން އެއް މެގަވަޓް ކަރަންޓު ނުއުފައްދާ އިންޖީނުގެތަކުގައި 50 މުވައްޒަފުން ތިބޭއިރު، ފަސް މެގަވަޓް ކަރަންޓު އުފައްދާ ރިސޯޓުތަކުގައި ބޭނުންކުރަނީ ފަސް ވަރަކަށް މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވޯޓު ހޯދުމުގެ ނިޔަތުގައި ސިޔާސީ ގޮތުން ބަހާ ވަޒީފާއަކީ ދެމެހެއްޓެނިވި ވަޒީފާއެއް ނޫން ކަމަށެވެ. އަދި ހަގީގީ ދެމެހެއްޓެނިވި ވަޒީފާތަކަކީ އިގްތިސޯދީ ފުޅާ ހަރަކާތްތަކެއްގެ ތެރެއިން އުފައްދާ ވަޒީފާތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.