ރައީސް އޮފީހުން ވަކި ފަރުދަކަށް ބޮޑު މާލީ އިނާޔަތެއް ހަމަޖައްސަވައިދެއްވި އުސޫލު ސާފުކޮށް، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މ. އަލިވާގެ އިލްޔާސް އިބްރާހިމަށް އިންސާނިއްޔަތުކަމުގެ އެހީގެ ގޮތުގައި 150,000 (އެއްލައްކަ ފަންސާސް ހާސް) ސިންގަޕޫރު ޑޮލަރުގެ މާލީ އިނާޔަތެއް ހަމަޖައްސައިދިނުމަށް ވަނީ އެދިފަ އެވެ. މި މުއާމަލާތާ ގުޅިގެން އާންމު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފަ އެވެ.

މެންބަރު ހުށަހެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ވަކި ފަރުދަކަށް ބޮޑެތި އަދަދުތަކުން ބޭސްފަރުވާގެ އެހީ ދިނުމަކީ، ގާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ގާނޫނުގެ ކުރިމަތީގައި އެންމެހައި ރައްޔިތުން ހަމަހަމަވުމުގެ ހައްގާއި އިޖުތިމާއީ އަދުލުވެރިކަމުގެ އުސޫލުތަކާ ކަނޑައެޅިގެން ފުށުއަރާ ކަމެކެވެ. ހަމައެއާއެކު، ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ނ) ގައި އެކަށީގެންވާ ފެންވަރުގެ ސިއްހީ ހިދުމަތް ލިބުމަކީ ކޮންމެ ރައްޔިތެއްގެ ހައްގެއް ކަމަށް ބަޔާންކޮށްފައިވާއިރު، އާންމު ރައްޔިތުން އާސަންދަ އަދި އެންސްޕާ ފަދަ ނިޒާމުތަކުގެ ތެރެއިން އަސާސީ ސިއްހީ ފަރުވާ ހޯދުމަށް ދަތި އުނދަގޫތަކާ ކުރިމަތިލާންޖެހި، ސަލާންޖަހަންޖެހޭ ހާލަތްތައް ދިމާވަމުންދާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނު (ގާނޫނު ނަންބަރު: 2006/3) ގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފަށް، ކަނޑައެޅިފައިވާ އިދާރީ މަރުހަލާތަކުން ބޭރުން ވަކި ފަރާތްތަކަކަށް ސީދާ ރައީސް އޮފީހުން މިފަދަ ބޮޑެތި އިނާޔަތްތައް ހަމަޖެއްސުމަކީ ގާނޫނުގެ ވެރިކަމުގެ އުސޫލުތައް ހިފެހެއްޓުމަށް އޮތް ހުރަހެއް ކަމަށް މެންބަރު އެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. މާލިއްޔަތު ގާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ވާގޮތުން ހާއްސަ އެހީއާ ގުޅިގެން ނިންމާ ނިންމުންތައް 7 ދުވަހުގެ ތެރޭގައި އާންމުކޮށް ޝާއިއުކުރަންޖެހެ އެވެ.

އެހެންކަމުން، ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތުގެ ތެރެއިން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް މިކަން ބައްލަވައިދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. މި އިނާޔަތް ހަމަޖައްސާފައިވަނީ މާލިއްޔަތު ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ހާއްސަ އެހީގެ ގޮތުގައިތޯ ސާފުކުރުމާއި، އެ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވެފައިވޭތޯ އަދި އެ ނިންމުން 7 ދުވަސްތެރޭ އާންމުކޮށް ޝާއިއުކޮށްފައިވޭތޯ ބެލުން.
  2. މިފަދަ އިންސާނިއްޔަތުކަމުގެ އިނާޔަތެއް ދިނުމަށް ކަނޑައަޅާފައިވާ ލިޔެވިފައިވާ އާންމު އުސޫލެއް އޮތްތޯ އާއި، އާންމު ރައްޔިތުންނަށް އެ ފުރުސަތު ހަމަހަމަކަމާއެކު ނުލިބޭ ސަބަބު ބެލުން.
  3. މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުގެ ކޮން އައިޓަމަކުން ނުވަތަ ކޮން ފަންޑަކުންތޯ ސާފުކުރުން.