ވައި ނުސާފު ވުމަކީ ހަމައެކަނި ނޭވާލުމުގެ ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިފައި އޮތް ނަމަވެސް ފަހުގެ ދިރާސާތަކާ ހަވާލާދީ ސިއްހީ މާހިރުން ބުނާ ގޮތުގައި، ވައި ނުސާފުވުމުގެ ސަބަބުން އަންހެނުންގެ ދަރިމައިވުމުގެ ގާބިލުކަމާއި، މާބަނޑުވުމުގެ ފުރުސަތުތަކަށް ކޮންމެވެސް ވަރެއްގެ ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު އޮވެ އެވެ.

ވައިގެ ތެރޭގައި ހުންނަ ކުދިކުދި ވިހަ މާއްދާތައް މެޓާ އަދި ނައިޓްރޯޖަން ޑައޮކްސައިޑް ފަދަ ގޭސްތަކަށް ހުށަހެޅުމުން ހަށިގަނޑުގެ ތެރޭގައި އޮކްސިޑޭޓިވް ސްޓްރެސްއާއި އިންފްލެމޭޝަން (ދުޅަވުން) އުފެދެ އެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ވައި ނުސާފު ވުމުގެ މިންވަރު މަތި ސަރަހައްދުތަކުގައި އުޅޭ އަންހެނުންގެ ބިސް އުފެދުމާއި، ފާޓިލައިޒޭޝަން އަދި އެމްބްރިއޯގެ ކޮލިޓީއަށް ކޮންމެވެސް ވަރަކަށް އަސަރު ކުރެ އެވެ.

އެއާއެކު ވައި ނުސާފު ވުމުން އައިވީއެފް ފަރުވާ ހޯދާ ބައެއް މީހުން މާބަނޑުވުމުގެ ފުރުސަތު ކުޑަވާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

ވައިގައި ހުންނަ ބައެއް ވިހަ މާއްދާތަކަކީ ހޯމޯންތަކުގެ މަސައްކަތަށް ބުރޫ އަރުވާ މާއްދާތަކެކެވެ. މީގެ ސަބަބުން މައްސަރު ކަންތައް ގަވާއިދުން ނުވުމާއި، އޯވިއުލޭޝަން (ބިސް ދޫކުރުން) އަށް ދަތިވުމުގެ ފުރުސަތު އޮވެ އެވެ.

މިކަމާ ގުޅިގެން ކުރެވިފައިވާ ހުރިހާ ދިރާސާއެއްގެ ނަތީޖާ އެއްގޮތް ނޫންކަން މާހިރުން ފާހަގަކުރެ އެވެ. ބައެއް ބޮޑެތި ދިރާސާތަކުން ފާހަގަވެފައިވާ ގޮތުގައި، ވައި ނުސާފު ވުމަކީ މާބަނޑު ނުވުމުގެ ހަމައެކަނި ސަބަބެއް ނޫނެވެ. އުމުރާއި، ބަރުދަނާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ސިއްހީއެހެނިހެން މައްސަލަތަކަކީ ވެސް މީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

މާބަނޑުވުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވައިގެ ކޮލިޓީ ދަށް ދުވަސްތަކުގައި ހާސްވުމުގެ ބަދަލުގައި، އާދައިގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ

  • ވައިގެ ކޮލިޓީ ބެލުން: ބޭރަށް ނުކުތުމުގެ ކުރިން އެ ސަރަހައްދެއްގެ ވައިގެ ކޮލިޓީ ހުރި މިންވަރު ބަލައި، ވައި މާ ބޮޑަށް ނުސާފު ވެފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭ ވަގުތު މަދު ކުރުން.
  • މާސްކް އަދި އެއާ ޕިއުރިފަޔާ: ވައި ނުސާފު ދުވަސްތަކުގައި ބޭރަށް ނުކުންނަ ނަމަ ރަނގަޅު މާސްކް ބޭނުން ކުރުމާއި، ގޭތެރޭގައި ޕިއުރިފަޔާ ބޭނުން ކުރުން.

12 މަސްދުވަސް ވަންދެން މަސައްކަތް ކުރުމުން ވެސް މާބަނޑު ނުވާ ނަމަ (ނުވަތަ އުމުރުން 35 އަހަރުން މަތީގެ އަންހެނަކު ނަމަ 6 މަސްދުވަސް ފަހުން)، ޑޮކްޓަރެއްގެ ލަފާ ހޯދައި ސިއްހީ ޓެސްޓުތައް ހެދުން އެދެވިގެންވެ އެވެ.