ސޮނީ އެންޓަޓެއިންމެންޓުން ދައްކާ ކޮމެޑިއަން އެކްޓަރު ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯ ''ދި ކަޕިލް ޝަރްމާ ޝޯ'' މުޅިން އައު އެޕިސޯޑު ތަކަކާއެކު ފަށަން އުޅޭ ކަމުގެ އިޝާރާތެއް ޝޯގެ ބައިވެރިއަކު ދީފި އެވެ.

މި ޝޯއަކީ އިންޑިއާގެ އިތުރުން ރާއްޖޭގައި ވެސް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝޯއެކެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މި ޝޯ ވަނީ މެދުކަނޑާލައިފަ އެވެ. ޝޯ މެދުކަނޑާލަން ނިންމީ މި ވަގުތު މުޅި ދުނިޔޭގައި އަދި އިންޑިއާގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19ގެ ސަބަބުންނާއި، ޝޯގެ ހޯސްޓް ކަޕިލް ޝަރްމާއަށް ދެވަނަ ދަރިފުޅަކު ލިބުމާ ގުޅިގެންކަން ވަނީ ހާމަކޮށްފަ އެވެ.

ޝޯގައި ސަޕްނާގެ ރޯލު އަދާކުރަމުންދާ ކުރުޝްނާ އަބީޝެކް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި، ޝޯގެ ކުރީގެ ވީޑިއޯއެއް ހިއްސާކުރަމުން ބުނެފައި ވަނީ، ޝޯ އަލުން ފެށޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި ޝޯގައި އޭނާގެ ފުރަތަމަ އެޕިސޯޑު ވަރަށް މަޖާކަމަށާއި އެއް ކުރޯޑް ރުޕީސް ދިނުމަށް ކުރުޝްނާ ބުނާ ޑައިލޮގް ބުނުމަށް އޭނާ ހުރީ ކެތްމަދުވެފައި ކަމަށް ވެސް ބުންޏެވެ.

މިދިޔަ މާޗް މަހު ކަޕިލް ޝަރްމާ ވެސް ވަނީ ޝޯ އެއްކޮށް ހުއްޓާނުލާ ކަމަށާއި އިތުރު ބައިވެރިންނާއެކު ޝޯ ވަރަށް އަވަހަށް ފަށާނެކަން ހާމަކޮށްފަ އެވެ.