ގއ. ވިލިނގިއްޔަށް ނޭރުވި ކޮވިޑް-19 ގެ ބަލިމީހާ މާލެ ގެނެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފި އެވެ.

ގދ. ތިނަދުއިން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 68 އަހަރުގެ މީހަކު އެޑްމިޓްކޮށްގެން ފަރުވާދިނުމަށްޓަކައި ވިލިނގިއްޔަށް ހޯމަ ދުވަހު ގެންދިޔުމުން އެރަށު ރައްޔިތުންގެ ބަޔަކު ވަނީ އެ ބަލިމީހާ އެރަށަށް އެރުވުން ހުއްޓުވާފައެވެ. އެތައް އިރެއްވަންދެން ކުރި މަސައްކަތުން ވެސް އެ ބަލިމީހާ އެރަށަށް އެރުވޭގޮތް ނުވުމުން ސީއެމްބިއުލާންސްގައި އަނބުރާ ވަނީ ތިނަދުއަށް ގެންގޮސްފައެވެ. އެއަށްފަހު ރޭގެ ވަގުތެއްގައި ވަނީ އެ ބަލިމީހާ މާލެ ގެނެސްފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހުވަދުއަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ ތިނަދޫ ކަމުގައި ވިޔަސް ކޮވިޑަށް ފަރުވާދޭ މެޑިކަލް ފެސިލިޓީއެއް އެރަށުގައި ގާއިމް ކޮށްފައެއް ނުވެއެވެ. ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގެ ކޮވިޑް ބަލި މީހުންނަށް ފަރުވާދިނުމަށް މެޑިކަލް ފެސިލިޓީ ގާއިމް ކުރީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައެވެ.

އެ ބަލިމީހާ ވިލިނގިއްޔަށް ނޭރުވުމުން ވިލިނގިލީ ރައްޔިތުންނާ މެދު އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ވަނީ ހޫނު ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ވިލިނގިލީގައި ހުރި ކޮވިޑް ސެންޓަރު އެހެން ރަށަކަށް ބަދަލުކުރުމަށް އެ އަތޮޅުގެ ބައެއް މެމްބަރުން ގޮވާލިއެވެ.

އެކަމާ ގުޅިގެން ގއ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެކަމަކީ ވިލިނގިލީގެ މަދު ބަޔަކު ނުކުމެ ހިންގި ނާތަހުޒީބު އަދި ލާއިންސާނީ އަމަލެއް ކަމަށާއި އެ އަމަލު ހިންގި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.