އެއްވެސް ގައުމެއްގެ ސަލާމަތީ ބާރެއް ރާއްޖޭގައި ގާއިމުވެ ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތެއް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ޕީޕީއެމް ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ރައްޔިތުން ޝުއޫރުފާޅު ކުރާތީ ރައީސް އޮފީހުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމެވި ހަބަރު ޓުވިޓާގައި ހިއްސާ ކުރައްވަމުން ޝިޔާމް ވިދާޅުވީ އެއްވެސް ޤައުމެއްގެ ސަލާމަތީ ބާރެއް ދިވެހިރާއްޖޭގައި ޤާއިމްވެ ތިބުމަކީ ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާ ސިފައިން ވެސް ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭތީ އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ދަނީ "އިންޑިއާ އައުޓް" #IndiaOut މި ހޭޝްޓެގް ބޭނުންކޮށްގެން ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. އަދި ފާއިތުވި ތިން ދުވަހު ވެސް ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރި ހޭޝްޓެގަކީ އެއީ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރެ އެވެ. އަދި މީގެ އިތުރުން ސަރުކާރުން ވަނީ ހދ.ހަނިމާދޫގައި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް އޮޕަރޭޓު ކުރުމުގެ ހުއްދަ ވެސް ދީފަ އެވެ. އަދި އެ މަތިންދާބޯޓު ދުއްވަން ހަރަކާތްތެރިވަނީ އިންޑިއާ ސިފައިންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިންގެ އަަދަދު އިތުރުވަމުންދާތީ އާއި، އިންޑިއާގެ ނުރަނގަޅު ނުފޫޒު ފޯރާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.