މަޝްހޫރު އެމެރިކަން އެކްޓްރެސް ސްކާލެޓް ޖޮހޭންސަން ތީމް ޕާކްގެ ތްރިލިންގް ރައިޑް އާއި ބެހޭ ގޮތުން "ޓަވާ އޮފް ޓެރާ" ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމައިފި އެވެ.

މި ފިލްމް ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ ޖޯޝް ކޫލޭ އެވެ. ސްކާލެޓް މި ފިލްމުން ފެނިގެންދާނެ ކަން އަދި ޔަގީނެއް ނޫނެވެ. ފިލްމުގެ މައިގަނޑު ވާހަކައަކީ ކޮބައިކަން އަދި އޮތީ ސިއްރުކުރެވިފަ އެވެ.

ދަ ޓްވިލައިޓް ޒޯން ޓަވާ އޮފް ޓެރާ ހުޅުވިފައި ވަނީ 1994 ވަނަ އަހަރު ފްލޮރިޑާގެ ޑިޒްނީ ހޮލީވުޑް ސްޓޫޑިއޯގަ އެވެ.

ތްރިލިންގް ރައިޑް މަޝްހޫރު ވެފައިވަނީ ނިންމާލާ ގަޑީގައި ބިރުވެރި ގޮތަކަށް އެ ރައިޑް ހުއްޓުމަކަށް އަންނާތީ އެވެ. މީގެ ކުރިން "ޓަވާ އޮފް ޓެރާ" ވަނީ ޓީވީ ސީރީޒްއެއްގެ ގޮތުގައި 1997 ޓީވީގައި ޕްރިމިއާ ކޮށްފަ އެވެ.

މީގެ ކުރިން ވެސް ޑިޒްނީއިން ވަނީ ތީމް ޕާކްގެ ތަފާތު ރައިޑްތަކުގެ މައްޗަށް ފިލްމު އުފައްދާފަ އެވެ. އޭގެ ތެރޭގައި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" އާއި ޖުލައި 30ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ޑްވައިން ޖޯންސަންސް އަދި އެމިލީ ބްލަންޓްގެ "ޖަންގަލް ކުރޫސް" ހިމެނެ އެވެ.