މަކާއޯގެ މުޅި އާބާދީ ކޮވިޑް ޓެސްޓްކުރުމަށް އެކި ސަރަހައްދުތަކުގައި 41 ސާމްޕަލް ސްޓޭޝަން ގާއިމު ކޮށްފައިވާއިރު، 24 ގަޑިއިރު މަސައްކަތް ކޮށްގެން ތިން ދުވަސް ތެރޭގައި އާބާދީ އެއްކޮށް ޓެސްޓު ކުރެވޭނެ.

ހޮންގްކޮންގް (04 އޮގަސްޓް) - ޗައިނާގެ އެޑްމިނިސްޓްރޭޓިވް ސަރަހައްދެއް ކަމަށްވާ މަކާއޯގެ މުޅި އާބާދީ ކޮވިޑް -19 އަށް ޓެސްޓްކުރަން ނިންމައިފި އެވެ.

ޖުމްލަ 600،000 މީހުންގެ އާބާދީއެއް އޮންނަ މަކާއޯގެ އާބާދީ ކޮވިޑަށް ޓެސްޓުކުރަން ނިންމާފައި ވަނީ އެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު ކޮވިޑްގެ ހަތަރު ކޭސް ފެނުނު ފަހުންނެވެ.

އާބާދީ އެއްކޮށް ކޮވިޑަށް ޓެސްޓުކުރުމުގެ އިތުރުން މަކާއޯގެ ސަރުކާރުން ވަނީ އާއްމުކޮށް މީހުން އެއްވެ އުޅޭ މުނިފޫހިފިލުވުމުގެ ތަންތަން ވެސް ބަންދުކުރަން ނިންމާފަ އެވެ.

މަކާއޯގައި ކޮވިޑް ކޭސްތައް ފެންނަން ފަށާފައި މިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު އެވެ.

ޖުވާ ކުޅުމާއި ރާބުއިން ފަދަ ކަންކަން އާއްމު މި ސަރަހައްދުގެ ގޭމިން ސްޓޮކްސް ވަނީ މި ޕެންޑަމިކް ތެރޭގައި 9.4 ޕަސެންޓް ދަށްވެފަ އެވެ.

މަކާއޯގެ މުޅި އާބާދީ ކޮވިޑް ޓެސްޓްކުރުމަށް އެކި ސަރަހައްދުތަކުގައި 41 ސާމްޕަލް ސްޓޭޝަން ގާއިމު ކޮށްފައިވާއިރު 24 ގަޑިއިރު މަސައްކަތް ކޮށްގެން ތިން ދުވަސް ތެރޭގައި އާބާދީ އެއްކޮށް ޓެސްޓު ކުރެވޭނެ ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސިނަމާތަކާއި އިންޑޯ ކުޅިވަރު ކޯޓުތަކާއި މަސާޖް ޕާލާސްގެ އިތުރުން ކެސީނޯތަކާއި ނައިޓް ކްލަބްތައް ވެސް ބަންދުވާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މަކާއޯގެ އާބާދީ ކޮވިޑަށް ޓެސްޓްކުރަން ނިންމާފައި މިވަނީ ޗައިނާގެ ސަރަހައްދެއް ކަމަށްވާ ވޫހާންއިން ވެސް ކޮވިޑް ފެނި އާބާދީ އެއްކޮށް ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައި ވަނިކޮށެވެ. -- ޗެނަލް ނިއުސް އޭޝިއާ