ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަމުގައި، ތަފާތު އެތައް ވުޒާރާއެއްގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީނަށް ޕާޓީއެއް އުފެއްދުމުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ދެއްވައިފި އެވެ.

މައުމޫނު އުފެއްދެވި ޑީއާރުޕީގެ އިތުރުން ޕީޕީއެމް އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވުމަށް ފަހު ކަމާލުއްދީން އެންމެ ފަހުން އުޅުއްވީ މައުމޫން ފަހުން އުފެއްދެވި އެމްއާރުއެމްގަ އެވެ. ޖުމުހޫރީ ޕާޓީން ވަކިވެ ވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ޖެހިވަޑައިގެންނެވި ސަބަބެއް ކަމުގައި ކަމާލުއްދީނު ވިދާޅުވީ އެއީ މިވަގުތު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށް ރާއްޖޭގައި ސިޔާސީ ގޮތުން ހުރި ހައްލު ބޭނުންވާ މައްސަލަތަކަށް ހައްލު ހޯދައި ނުދެވުމެވެ.

އެހެންކަމުން ވަކި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ގައުމަށް ޚިދުމަތް ކޮށް ދެއްވުމަކީ އެމަނިކުފާނު ޕާޓީ އުފެއްދެވުމުގެ މަގުސަދެވެ.

ކަމާލުއްދީނު އިސްވެ ހުންނަވައިގެން ޕާޓީއއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހިމެނި ވަޑައިގަންނަވާ ގޮތަށް މޯލްޑިވްސް ނެޝަލް ޕާޓީ މިހާރު އޮތީ ވުޖޫދަށް އައުމުގެ މަގުމަތީގަ އެވެ. އެހެން ޕާޓީތަކެކޭ އެއްފަދައިން ނެޝަނަލް ޕާޓީ ވެސް އުފައްދަން ޖެހުނު ސަބަބެއް ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅު ވަނީ މިހާރު ހަރަކާތްތެރިވާ ޕާޓީތަކާއެކު ސިޔާސީގޮތުން ގައުމަށް ބޭނުންވާ ފެންވަރަށް ޚިދުމަތް ކޮށްދެވެން ނެތުމެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ޕާޓީއެއްގެ ވިސްނުމާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް ގައުމު ހިންގުންކަމަށް ވާއިރު، ކޮންމެ ޕާޓީއަކަށް ވެސް އެކަން އެކަށޭނަ ގޮތެއްގައި ކުރެވޭނީ ޕާޓީއަށް ވެރިކަން ލިބިގެންނެވެ. މޯލްޑިވްސް ނަޝެނަލް ޕާޓީ އުފެއްދުމުގައި އެންމެ ކުރީ ސަފުގައި ހުންނެވި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ނާޒިމް ވިދާޅުވަނީ އެ ޕާޓީގެ ކެންޑިޑޭޓެއް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް ކުރިމަތިލާނެ ކަމަށެވެ. އަދި ހަމަ އެފަދައިން ޕާޓީގެ ޕްރައިމަރީއަކުން ޖާގަ ލިބިވަޑައިގެންފި ނަމަ ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަ ކުރެއްވުމުގެ އުންމީދު ވެސް ނާޒިމް ވަނީ ފާޅު ކުރައްވާފަ އެވެ.

ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ކަންތައް ހިނގާ ގޮތަށް ބަލާއިރު އަލަށް އުފެދެން އުޅޭ މޯލްޑިވެސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ ކާނަލް ނާޒިމް ކަމަށް ގާތްގަނޑަކަށް ޔަގީންވެ އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހިނގަން ފެށީއްސުރެ ކޮންމެ ޕާޓީ އެއްވެސްވެފައި އޮންނަނީ ކޮންމެ ވެސް އެކެއްގެ ވަށާ އެނބުރޭ އެއްޗަކަށެވެ. އެމްޑީޕީގައި އެއީ ރައީސް މުހައްމަދު ނަޝީދެވެ. ޕީޕީއެމްގައި އެއީ ރައީސް އަބްދުﷲ ޔާމީނެވެ. ޖުމްހޫރީ ޕާޓީގައި އެ މީހަކީ ގާސިމް އިބްރާހީމެވެ. އަދާލަތު ޕާޓީ މިހާތަނަށް ކަންތައް ވެފައި އޮތް ގޮތަށް ބަލާއިރު ބޮޑަށް ވައްތަރީ ވެރިކަމަށް ކުރިމަތި ލައިގެން ވެރިކަން ހޯދުމަށް އުޅޭ ސިޔާސީ ޕާޓީއަކަށް ވުރެ ލިބެން އޮންން ތަނަކުން ހޯދަން އުޅޭ ޕްރެޝަ ގްރޫޕަކާ އެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެގެން އަންނައިރު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ދުވަހަކު ވެސް ނުވާ ވަރަށް އޮޅުން ބޮޅުން ބޮޑު ވެފަ އެވެ. އެމްޑީޕީގެ ތެރޭގައި ބައިބައިވުންތަކެއް އުފެދި، ބޮޑު އިންތިޚާބެއްގައި ރަނގަޅު ވާދައެއް ކޮށްލެވޭނެ ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ޕީޕީއެމްގެ ހުރިހާ ވެސް އުންމީދެއް އޮތީ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތެއް ވުމާ ގުޅިފަ އެވެ.

ރާއްޖޭގެ މައިގަނޑު ދެ ޕާޓީ ސިޔާސީ ރޭހުގައި ގޮތް ހުސްވެ، ހުއްޓުން އަރާފައި ވަނިކޮށް އެދެމެދުން އާ ބަޔަކު އުފެދި އެދެ ޕާޓީއަށް ގޮންޖަހާ ރިޔާސީ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދުމަކީ ވެސް ނާދިރުކަމެއް ނޫނެވެ. ސިޔާސީ ގޮތުން މިހާތަނަށް އަޖުމަ ބަލާލެވިފައި ނުވާ އާ ތަރިން ވެސް މި މައިދާނަށް ފުންމާލުމަކީ މިހާރު އިވެމުންދާ އަޑުތަކަށް ބަލާއިރު ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ.

ކޮންމެ ގޮތަކުން ވެސް ރާއްޖޭގެ ރައީސް ކަމަށް ވާދަކުރަން ބޭނުން ކޮންމެ އާ ކެންޑިޑޭޓަކަށް ވެސް ފުރަތަމަ ޖެހޭނީ ޕާޓީއެއް ހަދާށެވެ. އެއީ މިވަގުތު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ބަދަލު ނުވާނެތީ އެވެ.