ހިންދީ ސިނަމާގެ ކުރިޔަށް އަންނަން އޮތް ހޮރޯ ކޮމެޑީ "ބޫތު ޕޮލިސް"ގެ ޓީޒާ ދައްކާލައިފި އެވެ.

މި ފިލްމުގެ ޓީޒާ އާންމުކޮށްފައި ވަނީ ލީޑް ރޯލުން ފެނިގެންދާ މުހިންމު ބައިވެރިއެއް ކަމުގައިވާ ސައިފް ޢަލީ ޚާންގެ 51 ވަނަ އުފަންދުވަހު އެވެ.

މި ފިލްމުގައި ސައިފްގެ އިތުރުން ލީޑު ރޯލުން ފެނިގެންދާނީ ޖެކަލީން ފެނަންޑޭޒް، އަރުޖުން ކަޕޫރު އަދި ޔަމީ ގޯތަމް އެވެ. ފިލްމުގެ ޓީޒާ އިން ފެނިގެންދަނީ ސައިފްއާއި އަރުޖުން އެ މީހުންގެ ވޭނުގައި "ގޯސްޓް ހަންޓް" އަކަށްދާ މަންޒަރެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ އަރުޖުން އާއި ސައިފްއެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ޔަމީ އާއި ޖެކަލީން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ފިލްމަކީ "ރާގިނީ އެމްއެމްއެސް"ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ ގެނެސްދޭ ފިލްމެކެވެ.

މިދިޔަ ހަފްތާގައި ވަނީ ފިލްމުގައި ސައިފް އާއި އަރުޖުންގެ ކެރެކްޓާ ދައްކާލާފަ އެވެ. މި ފިލްމުގައި ސައިފް ކުޅޭނީ ވައިބޫތީ ކިޔާ މީހެއްގެ ރޯލެވެ. އަދި އަރުޖުން ފެނިގެންދާނީ ޗިރައުންޖީ ނަމަކަށް ކިޔާ ކެރެކްޓާއެކެވެ.