ލޯބީގެ ވާހަކަ ދެކެވޭ ތަނެއްގައި އިންޑިއާގެ އާގަރާގައި ހުންނަ މި ތާރީޚީ ބިނާގެ ވާހަކަ ނުދެއްކި ނުދާނެ އެވެ.
މުޅި ދުނިޔޭގައި ވެސް މަގުބޫލް މި ބިނާ ލޯބީގެ ލާމަސީލު މިސާލަކަށް ފުދެ އެވެ. އެއީ ރަސްކަލެއް އެންމެ ލޯބިފުޅުވި ރާނީ އާލާސްކަންފުޅާ އުޅުއްވައި ދުނިޔެއަށް އަލްވަދާއު ކިއުމުގެ ހިތާމައިގައި އެ ކަމަނާއަށް އެ ރަސްކަލުން ހަދިޔާ ކުރެއްވެވި ލޯބީގެ ރަމްޒެވެ. ދައްކަން މިއުޅެނީ މިއަދުގެ ތާރީޚުގައި ވެސް އެންމެ ގިނަ މީހުން ލޯތްބާ ގުޅުވާ ތާޖް މަހަލްގެ ވާހަކަ އެވެ. އިންޑިއާގެ ފަޚުރެއްކަމުގައި އެ ގައުމުގެ ގިނަ ބަޔަކު ދެކޭ ދުނިޔޭގެ ހަތް އަޖާއިބުގެ ތެރެއިން އެއް އަޖާއިބުގެ ވާހަކަ އެވެ.
ތާޖު މަހަލްއަކީ މީލާދީން 1600ގެ އަހަރުތަކުގައި އިންޑިއާގައި ރަސްކަން ކުރެއްވި މޫގަލް ޙިލާފަތުގެ ފަސްވަނަ ރަސްގެފާނު ޝާހު ޖަހާން އެ ރަސްކަލުން އެންމެ ލޯބިފުޅުވި އަނބިކަނބަލުން ކަމަށްވާ މުމްތާޒް މަހަލް އެ ދެކަނބަލުންގެ ބޭފުޅަކަށް އާލާސްވެ އިންނަވައި، ކުރިމަތިވި ސިއްހީ މައްސަލަތަކެއްގައި އަވަހާރަވުމުން އެ ކަމަނާގެ ދާއިމީ ޒިޔާރަތެއްގެ ގޮތުގައި ޝާހު ޖަހަން އިމާރާތް ކުރެއްވެވި ބިނާއެކެވެ. މުސްލިމުންގެ ތެރޭގައި އާއްމު ކަމަކަށް ނުވި ނަމަވެސް ރަސްރަސްކަލުންގެ ޚާންދާނީ ޖަނާޒާތައް އެ ދުވަސްވަރު ބާއްވަނީ މިބީދައިން ޒިޔާރަތެއް ހަދައި ނިވާކޮށްގެން ކަމަށްވާތީ އެވެ.
ދުނިޔޭގައިވާ އެހެނިހެން ތާރީޚީ ބިނާތަކާއި ތާޖު މަހަލް ތަފާތު ކޮށްދެނީ އެ ބިނާ އިމާރާތްކުރުމުގެ ފަންނުވެރިކަމެވެ. ސަންގުމަރުމަރު ހިލައިން އިމާރާތްކޮށް ޒީނަތްތެރިކޮށްފައިވާ މިބިނާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އެތަނުގެ ވަށައިގެން އަތުރާފައިވާ އިސްލާމީ ސަގާފަތް ރަމްޒުކޮށްދޭ މުންނާރުތަކެވެ. މީގެ އިތުރުން ވެސް ތާޖް މަހަލުގެ ބަގީޗާތަކާއި ބޭނުންކުރިފައިވާ ފުރިހަމަ އަތްތެރި މަސައްކަތްތަކަކީ އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލް ކަންތައްތަކެވެ.
މި ހުރިހާ ކަމަކާއެކު އާގަރާގައި ހުންނަ ތާޖް މަހަލް ވެފައި ވަނީ މިއަދުވެސް އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލަށެވެ. މިބިނާ ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ހޯދުމަށްޓަކައި ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު އިންޑިއާގެ އާގަރާއަށް ދަތުރު ކުރެ އެވެ. މި ނޫނަސް މަޝްހޫރު ސަގާފަތްތަކުގައި ތާޖް މަހަލް މިސާލު ޖެހެނީ ލޯބީގެ އަގުހުރި ރަމްޒެއްގެ ގޮތުގަ އެވެ.
ލޯބިވެރިޔާ އާ މައްސަލަ ޖެހި ލޯބި ސާބިތު ކޮށްދިނުމަށްޓަކައި ތާޖް މަހަލް ފަދަ ބިނާއެއް ތައްޔާރުކުރުމަށް ބުނާ މީހުން ވެސް މިއަދު އުޅެ އެވެ.