ބޭންކް އޮފް ސިލޯން (ބީއޯސީ)ގެ މާލޭ ބްރާންޗުގައި ހުޅުވާފައިވާ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަ ނޫން ލިޔެކިޔުން ތައްޔާރުކޮށްގެން އެތައް ލައްކަ އެމެރިކާ ޑޮލަރެއް ވަގަށް ނެގި މައްސަލަ ސާބިތުވެ، އެ ބޭންކުގެ ކުރީގެ އިސް ވެރިޔަކު ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ބީއޯސީގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމުގައި ހުރި މާލެ، މ. މާހިންނެ، ހަސަން ވަހީދުގެ މައްޗަށެވެ. 2019 ވަނަ އަހަރުން ފެށިގެން ކޯޓުގައި ހިނގަމުންދިޔަ މި މައްސަލައިގެ ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ވަނީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފަ އެވެ.

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ ސައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކުރުމަށްފަހު ކޯޓުން ކަނޑައެޅި އަދަބުތަކަކީ:

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް: 2 އަހަރާއި 9 މަހާއި 11 ދުވަހުގެ ޖަލު ހުކުމަކާއެކު، 144،000 ރުފިޔާގެ ޖޫރިމަނާއެއް.
  • އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށަށް: 6 މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާއެކު، 18،000 ރުފިޔާގެ ޖޫރިމަނާއެއް.

މި މައްސަލައަށް ބަލާއިރު، 9 ޖޫން 2019 ގައި ހަސަން ވަހީދު ވަނީ ބީއޯސީގެ ދިވެހި އަންހެން ކަސްޓަމަރެއްގެ އެކައުންޓުން 150،000 ޑޮލަރު ޓްރާންސްފާ ކުރުމަށްޓަކައި، އެ ކަސްޓަމަރަށް ނޭނގި އަމިއްލައަށް ފޯޖު ލިޔުމެއް ތައްޔާރުކޮށްފަ އެވެ. އަދި ބޭންކުގެ މުވައްޒަފަކު މެދުވެރިކޮށް އެ ފައިސާ އަބްދުﷲ ނަފީގު ޕާޝާ ކިޔާ މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އެންމެ ފަސް މިނެޓުގެ ތެރޭގައި "ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ގެ އެކައުންޓަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ކުންފުނިން އެ ފައިސާ ބޭނުންކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ ހަތަރު ކުންފުންޏެއްގެ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށެވެ. މީގެ އިތުރުން 18 ޖުލައި 2018 ގައި ވެސް ހަމަ މި އުސޫލުން އެ އަންހެން މީހާގެ އެކައުންޓުން 110،000 ޑޮލަރު ނަގާފައިވާކަން އޯޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ތަހުގީގަށް ހޯދި ހެކިތަކުން އެނގޭ ގޮތުގައި، ސީނިއާ އިންޓާނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒައިނަލް އާރިފަކީ ހަސަން ވަހީދުގެ ގާތް އެކުވެރިއެއްގެ އިތުރުން އޭނާގެ ވިޔަފާރި ބައިވެރިޔާ އެވެ. އަދި ފައިސާ ޖަމާކުރި ނަފީގު ޕާޝާއަކީ ޒައިނަލްގެ ދޮން ބައްޕަ އެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސީނިއާ އިންޓަނޭޝަނަލް އިން ހަސަން ވަހީދުގެ އަމިއްލަ އެކައުންޓަށް މަހުން މަހަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، ޖުމްލަ 367،500 ރުފިޔާ ދީފައިވާކަން ވެސް ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ.

މި ޖަރީމާ ސާބިތުކުރުމުގައި ފޮރެންސިކް ހެކިތައް މުހިންމު ދައުރެއް އަދާކުރި އެވެ. އެގޮތުން ހަސަން ވަހީދު ބޭނުންކުރި ކޮމްޕިއުޓަރުން ޓްރާންސްފާ ރިކުއެސްޓުގެ ވޯޑް ފައިލް ފެނިފައިވާއިރު، އެ ލިޔުން ޕްރިންޓު ކޮށްގެން އޭނާ ނެގި މަންޒަރު ސީސީޓީވީ ފުޓޭޖުން ވަނީ ފެނިފަ އެވެ. އަދި އޭނާގެ ކެބިން ތެރެއިން އެ އަންހެން މީހާގެ ސޮއި ފަރިތަކޮށްފައި ހުރި ކަރުދާސްތަކެއް ފެނިފައިވާއިރު، ލިޔުމުގައި ވަނީ ފޯޖު ސޮޔެއްކަން ފޮރެންސިކް ތަހުލީލުތަކުން ވަނީ ކަށަވަރުވެފަ އެވެ.

ފައިސާ ގެއްލުނު ކަސްޓަމަރު ޖޫން 10، 2019 ގައި ބޭންކަށް ގޮސް ޝަކުވާ ހުށަހެޅުމުން، އެއީ ފްރޯޑެއް ކަމަށް އޭނާ ގާތު ބުނުމަށްފަހު، އެހެން މުވައްޒަފުން ގާތުގައި އެއީ ކަސްޓަމަރަށް އޮޅިގެން ވީކަމެއް ކަމަށް ބުނެ މައްސަލަ އޮއްބާލަން ވެސް ހަސަން ވަހީދު މަސައްކަތް ކޮށްފައިވާ ކަމަށް ކޯޓު ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.