'އަދަދު' ނޫހުގެ ޑޮކިއުމެންޓަރީ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަން ބަލައިނުގަންނަން ނިންމައިފި އެވެ.

ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކުރާ ގަޒުފްކުރުމުގެ ދައުވާގެ ޝަރީއަތުގައި އެ ދެ މީހުންގެ ދިފާއުގައި ހެއްކެއްގެ ގޮތުގައި ރައީސް މުއިއްޒުގެ ނަން ހުށަހެޅި އެވެ. ނަމަވެސް އެ ހެކި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރުން ކުރިއަށްގެންދާ މި ޝަރީއަތުގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކުގެ ތެރޭގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ރައީސް މުއިއްޒާއި ޖިނާއީ އަދުލުގެ ނިޒާމުގެ މާހިރެއްގެ ނަން ބަލައިނުގަތުން ހިމެނެ އެވެ. ނަމަވެސް ދިފާއީ ހެކިންގެ ގޮތުގައި 'އަދަދު' ނޫހުގެ ބައެއް ނޫސްވެރިން ވަނީ ބަލައިގެންފަ އެވެ.

މި މައްސަލައިގެ ޝަރީއަތް މި އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މައްސަލަ ކުރިއަށް ގެންދާނީ އެ ޑޮކިއުމެންޓަރީގައި ތުހުމަތުތައް ކުރި ކަމަށް ބުނާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާ އަޝްރަފްގެ ބަޔާއެކުގަ އެވެ. އީޝާގެ މައްޗަށް ގަޒުފްކުރުމުގެ ދައުވާ އުފުލައި، އޭނާގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ.

މީގެއިތުރުން މި މައްސަލައިގައި ދައުވާލިބޭ ތިން މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.

މި އަހަރުގެ މާޗު 28 ގައި ގެނެސްދިން މި ޑޮކިއުމެންޓަރީގެ މައްސަލައިގައި 'އަދަދު' ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެ، ތަކެތި ގެންގޮސްގެން ފުޅާ ތަހުގީގެއް ފެށީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ނޫހުގެ ނޫސްވެރިޔަކު ރައީސްއާ ސުވާލުކުރި ހިސާބުންނެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ވާހަކަނުދެއްކުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިނުމާއި ސުވާލުކުރި މައްސަލައިގައި 'އަދަދު' ގެ ދެ ނޫސްވެރިއަކު ޖަލަށް ވެސް ލި އެވެ.