ސައުތު ކޮރެއާއަށް ނިސްބަތްވާ މިއުޒިކް ގުރޫޕް ބީޓީއެސްއަކީ އާންމުންގެ މެދުގައި އަބަދުވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ގުރޫޕެކެވެ. މި މީހުންގެ ކޮންމެ ލަވަ އަކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެ އެވެ.
ބީޓީއެސްއަށް ތާއީދުކުރާ ގިނަ ބަޔަކު މި ރާއްޖޭގައި ތިބިއިރު އެ ބޭންޑުގެ މެމްބަރުނާ ގުޅޭ ކަންކަން އެ މީހުން އެނގެން ބޭނުންވާނެކަން ޔަގީނެވެ.
އެގޮތުން މިފަހަރު މި ބަލާލަނީ ބީޓީއެސްގެ ބައެއް މެމްބަރުންނަށް އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް ލިބޭ މިންވަރަށެވެ.
ބީޓީއެސްގެ ހުރިހާ މެމްބަރުންނަށް ވެސް ފުދޭ ވަރެއްގެ ބޮޑު އާމްދަނީއެއް ލިބެ އެވެ. ނަމަވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މެމްބަރުންގެ ތެރޭގައި ޖިމިން، ވީ އަދި ޖިން ހިމެނެ އެވެ. މި މީހުންނަށް އަހަރެއްގެ މައްޗަށް 20 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެ އެވެ.
ބީޓީއެސްގެ މެމްބަރުންގެ ގޮތުގައި ތިބުމުގެ އިތުރުން މި ލަވަކިޔުންތެރިން އެ މީހުންގެ އަމިއްލަ ލަވަތަކާއި އަލްބަމްތައް ވެސް ނެރެ އެވެ. އަދި ހަފްލާތަކުގައި ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެގެން ވެސް ފުދޭވަރެއްގެ އާމްދަނީއެއް އެ މީހުން ހޯދަ އެވެ.
ޖިންއަކީ ސައުތު ކޮރެއާގެ އެންމެ އަގުބޮޑު އެޕާޓްމަންޓްތަކުގެ ތެރެއިން އެޕާޓްމެންޓެއްގެ މިލްކުވެރިއެއް ވެސްމެ އެވެ. އޭނާ އެ އެޕާޓްމަންޓް ގަނެފައި ވަނީ އެއްވެސް ލޯނެއް ނުނަގައި 5.3 މިލިއަން ޑޮލަރަށެވެ.