ހއ. ދައްޕަރު ބޭރުގެ ފަރާތަކަށް ވިއްކާލައިގެން ނާޖާއިޒް މަންފާ ނުހޯދުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

އެ ކޯލިޝަނުން މިކަމަށް ގޮވާލީ ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ގަރާރަކުން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ފިއްލަދޫ ކައުންސިލާއި އެރަށުގެ ރައްޔިތުން ވެސް ނުރުހުން ފާޅުކުރަމުން ދަނިކޮށް ކޯލިޝަނުން ނެރުނު މިބަޔާނުގައި ބުނެފައި ވަނީ ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމުމަށް ރައީސް ސޯލިހުގެ ގަރާރަކުން ނިންމި ނިންމުމަކީ ވަރަށް ޚުދުމުޚުތާރު އަދި ލާމަރުކަޒީ ގާނޫނާއި ލާމަރުކަޒު ކުރުމުގެ މަފްހޫމާއި މުޅިން ތައާރަޒް ނިންމުމެއް ކަމަށެވެ.

ދައްޕަރަކީ ޒަމާނުއްސުރެއް ފިއްލަދޫ ރައްޔިތުންނަށް މަންފާ ލިބޭ ރަށެއްގެ ގޮތުގައި އަދި ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައްޔިތުން ބަލަމުންދާ ރަށަކަށްވެފައި، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނި، ރަށުގެ ތަރައްގީގެ ޕްލޭން ތައްޔާރުކޮށް ކައުންސިލަށް އާމްދަނީ ލިބޭނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި ދައްޕަރު ވެފައިވަނިކޮށް ކައުންސިލާއި އަދި ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ދައްޕަރު ވަކިކޮށްލުމަކީ ފިއްލަދޫގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ކޯލިޝަނުން ސިފަކުރެ އެވެ.

މިކަމާ ގުޅިގެން ފިއްލަދޫގެ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން އިންތިހާއަށް އުފެދިފައިވާ ކަމަށާއި މީގެ އިތުރުން ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ދަށުން ކަމަށް ބުނެ ރާއްޖެއިން ބޭރުން އަންނަ ބަޔަކު ދިރިއުޅުމަށް ދައްޕަރު ވިއްކާލުމަކީ ރައްޔިތުން އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށާއި ރައްޔިތުންނަށް އެންމެ ފައިދާއާއި މަންފާ ލިބޭނެ އަދި ރައްޔިތުން ބޭނުންވާ ގޮތަށް މިފަދަ ކަންކަން ނިންމުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަމެވެ. އަދި ލާމަރުކަޒުކުރުމުގެ ނަމުގައި މިފަދަ ހުދުމުހުތާރު އަމަލުތައް ހިންގުން ހުއްޓާލުމަށާއި ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރުމަށް ނިންމެވި ގަރާރު އަނބުރާ ގެންދަވައި، ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ނަމުގައި ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒްގޮތުގައި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ ކަންކަން ނުކުރުމަށާއި، ގާނޫނުއަސާސީއާއި ގާނޫނުތަކާއި އަދި ކުރައްވާފައިވާ ހުވައާއި ހިލާފުނުވުމަށް ވެސް މި ކޯލިޝަނުން ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.

ދައްޕަރު ފިއްލަދޫގެ އިހުތިސާސުން ވަކިކުރިއިރު ކައުންސިލުން ވަނީ ދައްޕަރުން ލިބޭނެ ކަމަށް ބެލެވޭ މާލީ މަންފާ ހިމަނައިގެން ރަށުގެ ތަރައްގީގެ ޕްލޭން ހަދަން ފަށާފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ދައްޕަރަކީ ފިއްލަދޫގެ ބައެއް ކަމަށާއި ރައްޔިތުން ބޭނުން ވަނީ އެގޮތަށް އެކަން ބޭއްވުމަށް ކަމަށެވެ. ނަމަވެސް ރައްޔިތުންނާ އަދި ކައުންސިލާ ވެސް މިކަމާ މަޝްވަރާ ނުކޮށް މިފަދަ ހައްސާސް ނިންމުމެއް ނިންމާފައިވާތީ ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށް އެ މީހާ ބުންޏެވެ.

"ރަށުގެ އެއްވެސް ރައްޔިތަކު ބޭނުމެއް ނޫން އިންޑިޔާ މީހުން އެތަނުގައި ދިރިއުޅެން. ސެކަންޑް ހޯމް ޕްރޮޖެކްޓް ހިންގާ ދައްޕަރު ވިއްކާކަށް. އެކަން އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ. ދައްޕަރުން މާލީ މަންފާ ހޯދިޔަސް އަދި އެހެން ކަމެއް ކުރިޔަސް އެކަން ނިންމާނީ ރައްޔިތުން،" އޭނާ ބުންޏެވެ.

ފިއްލަދޫގެ ރައްޔިތުން ދަނީ މިކަމާގުޅިގެން "ސޭވް ދައްޕަރު"ގެ ނަމުގައި ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.