ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. މާފަރުގައި ގާއިމުކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި އެވެ.

މާފަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މާފަރު ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު އެ ސްޓޭޝަންގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހަމީދު އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގައި، ކަނޑައެޅުނު 6 ޕްރަޔަރިޓީގެ ތެރޭގައި "ލޯކަލް ޕޮލިސިން" ކަނޑައެޅި އަތޮޅު ތެރޭގައި ދެވޭ ޚިދުމަތަށް، އިތުރު އަހައްމިޔަތުކަމެއް ދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމާ ގުޅިގެން، މަނަދޫ އިން ފުލުހުން އެޓެންޑުވެގެން ރަށަށް ފުލުހުން ޚިދުމަތް ފޯރުކޮށްދެމުން އައި އައުމަށް، މިއަދު މިވަނީ ނިމުމެއް ގެނެވިފައިވާ ކަމަށް ސީޕީ ފާހަގަކުރެއްވި އެވެ.

މާފަރަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ރަށަކަށްވުމުން، ލޯކަލް ޓުއަރިޒަމް ފުޅާވަމުމުގެ ފުރުސަތު އޮތް ރަށަކަށް ވެފައި އަތޮޅުގައި ޓުއަރިޒަމް ފުޅާވެގެން ދާދިއުމަކީ، އޭގެސަބަބުން ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ފެންވަރަށްވެސް ބަދަލު އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ބަދަލުތަކާއެކު، ކުށްކުރާފަރާތްތައް، އެ ކުށްތަކަށް އަރައިގަންނަ ގޮތްތައްވެސް މިއަދު މިއަންނަނީ ބަދަލުވަމުން ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.

ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭގެ އިތުރުން، މިހާރު އަމަލުކުރަން ފަށާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށާއި އެކަން ހާސިލުކޮށް ދެމެހެއްޓުމަށް އިންތިޒާމުތަކެއް ގާއިމުކުރުމަށް ގާނޫނު ލާޒިމުކުރާއިރު ނ. އަތޮޅުގެ އެންމެހައި ފުލުހުން ވެސް ރައްޔިތުންނާއި މުއައްސަސާތަކާ އަދި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، ރަށުގެ ވެއްޓަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށާއި، މާފަރުގެ ރައްޔިތުންވެސް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ، އެންމެކުރީ ސަފުގައި ފުލުހުންނާ އަތުގުޅާލައިގެން މަސައްކަތްކޮށްދެއްވުމަށް އެދިލެއްވި އެވެ.

ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރު ހަމީދު ވަނީ ޕޮލިސް ސްޓޭޝަން ބައްލަވާލައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި މާފަރު ކައުންސިލް މެމްބަރުންނާއި މާފަރުގައި ހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެވެ.