އިޓަލީގެ މިލާންގެ ލޫގޯ ކިޔާ ސަރަހައްދެއްގައި ދަންޖައްސައި މަރާލާފައިހުއްޓާ ފެނުނު އުމުރުން 44 އަހަރުގެ ހދ. ނޮޅިވަރަންފަރު، ވައިމަތީގޭ މަހްމޫދު އިމާދު ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

މަހުމޫދަކީ އިޓަލީ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އޭނާ ދަންޖެހި މަރުވެފައި ހުއްޓާ ފެނިފައި ވަނީ އޭނާގެ އަންހެނުންނާއި އާއިލީ ބައެއް މީހުން ރާއްޖޭގައި ތިއްބަ އެވެ.

އިމާދުގެ އާއިލާއިން ބުނެފައިވަނީ އިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ސީދާ ގެނެވޭނީ ކޮން ދުވަހަކު ކަމެއް ނޭނގޭ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އިމާދު އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަމަށް އާއިލާއިން ބުންޏެވެ. އަމިއްލަ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާ އެނބުރި އިޓަލީ އަށް ދިޔައީ މޭ މަހުގެ ތެރޭގަ އެވެ. އިމާދު މަރުވި އިރު އޭނާގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ ހުރީ އިމާދުގެ ރަށް ނޮޅިވަރަންފަރުގަ އެވެ.