އަނިޔާވެރި ގޮތަކަށް ދިވެއްސަކު އިޓަލީގައި މިއަދު މަރާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިޓަލީގެ މިލާންގެ ލޫގޯ ކިޔާ ސަރަހައްދެއްގައި ދަންޖައްސައި މަރާލާފައި ވަނީ އެ ގައުމުގެ މީހަކާ އިދެގެން އުޅޭ ހދ. ނޮޅިވަރަމްފަރަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ މަހުމޫދު އިމާދެވެ. ނަމަވެސް މިވަގުތު އޭނާގެ އަނބިމީހާ އާއި ބަފައިބެ ތިބީ ރާއްޖޭގަ އެވެ.

އިމާދަކީ އެ އަތޮޅު މާވައިދޫން ނޮޅިވަރަންފަރަށް ބަދަލުވި މީހެކެވެ.

އިމާދުގެ ކޮއްކޮ މޫސާ ފަތުހީ "ހުރިހާ"އާ ވާހަކަދައްކަމުން މިރޭ ބުނީ އިމާދު މަރުވި ހަބަރު އާއިލާއަށް ލިބުނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ. އެ ހަބަރު ދިނީ އޭނާގެ އަންހެނުން ކަމަށް ވެސް ފަތުހީ ބުންޏެވެ.

"ބޭބެ އޮތީ މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ އަންނަން ޓިކެޓް ވެސް ނަގާފައި. ބޭބެ މަރުވި ހަބަރު ރާއްޖޭގައި ތިބި އާއިލާ މީހުންނަށް ލިބުނީ ބޭބެގެ އަންހެނުންގެ މަންމަ ގުޅާފައި ބުނުމުން،" އޭނާ ބުންޏެވެ.

ފަތުހީ ބުނީ ބޭބެ މަރުވެފައި އޮތްވައި ފެނުނީ އިޓަލީ ގަޑިން މިއަދު މެންދުރު 1:30 ހާއިރު ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެ ގޭގައި އިމާދު ދިރިއުޅެނީ އެކަނި ކަމަށް ވެސް ކޮއްކޮ ފަތުހީ ބުންޏެވެ.

"ކައިވެނިކުރި ފަހުން އާއްމުކޮށް އިޓަލީއަށް ގޮސް އުޅޭނެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބޭބެގެ އަންހެނުން އައީ. ބޭބެ އެކޮޅަށް ދިޔައީ މިދިޔަ މެއި މަހު،" އޭނާ ބުންޏެވެ.

ފަތުހީ ބުނީ ބޭބެގެ ހަށިގަނޑު ރާއްޖެ ގެންނަން ބޭނުންވާ ކަމަށް އަންހެނުންގެ މަންމައަށް އަންގާފައިވާ ކަމަށެވެ.

"މިހާރު އޭނާގެ އަންހެނުން ފުރަން ތައްޔާރުވަމުން ދަނީ. އެކަމަކު އެކޮޅުން ހަށިގަނޑު ދޫކޮށްލާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށް ވަނީ،" އޭނާ ބުންޏެވެ.

މީގެ ފަސް އަހަރު ކުރިން އިޓަލީ މީހާ ކައިވެނިކޮށް އުޅޭ އިމާދުގެ ކުއްޖަކު ނުހުރެ އެވެ.

ފަތުހީ ބުނީ އިމާދު ރޭ ވެސް މަންމައާ ފޯނުން ގުޅައިގެން ވާހަކަ ދެއްކި ކަމަށެވެ. އަދި އެއްވެސް ވޮރީއެއް (ހާސްކަމެއް) އުޅޭ ކަމެއް ބުނެފައެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މަރާލި ގޮތުގެ އެއްވެސް ތަފުސީލެއް އާއިލާއަށް ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާގެ އަންހެނުން ބުނީ އިމާދަށް އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް ފަތުހީ ބުންޏެވެ.

"ވަރަށް ސުވާލު އުފެދިފައި މިތިބީ. ފޯނު ވެސް ޗިސްޗިސް ކޮށްލާފައިވާ ކަމަށް ވަނީ. އޭނާ އެ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

ނަމަވެސް މަހުމޫދު ދަންޖައްސާފައި ހުއްޓައި ފެނިފައި ވަނީ އޭނާ ދިރިއުޅުނު ގޭގެ ގޯތި ތެރޭގައި ހުރި ގަހެއްގައި ކަމަށްވެ އެވެ. އަދި އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށްވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ފޮރިން މިނިސްޓްރީން ވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.