ބައެއް ކައުންސިލު އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން ނުލިބިގެން އަލުން އެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 74 ރަށެއްގެ ކައުންސިލު އިދާރާއަށް އެސްޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުޔސަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ފަސް އަހަރުގެ މުއްދަތަށް ހަމަޖައްސާ ކައުންސިލުތަކުގެ އެސްޖީއަށް އަސާސީ މުސާރަ ގޮތުގައި 9،300 ރުފިޔާ ލިބިގެންދާއިރު، އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާ ލިބޭނެ ކަމަށެވެ.

ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން 511 މީހަކު އެންމެ ފުރަތަމަ ކުރިމަތިލި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. ނަމަވެސް ނަންތައް ޝޯޓްލިސްޓް ކުރިއިރު ޝަރުތު ހަމަވާ ތިބީ 272 މީހެކެވެ.

އެލަވަންސްތަކާ ލައިގެން އެސްޖީންގެ މުސާރައަކީ 16،100ރ. އެވެ. އެ މަގާމަށް މީހުން އައްޔަން ކުރާނީ ފަސް އަހަރުގެ ޓާމަކަށެވެ.

ކައުންްސިލްގެ ލަފާގެ މަތިން ކައުންސިލްގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަސާސްތަކުން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ގާނޫނުގައިވެ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން ކައުންސިލް އިދާރާގެ އިދާރީ އެންމެހާ ކަމެއް ބެލެހެއްޓުމާއެކު މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހޭނީ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ