ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޑރ. ޝާން ފޭސްބުކް ޕޭޖްގައި މިރޭ ލިޔުއްވާފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ހުމުގެ އަސަރު އެބަހުރި ކަމަށެވެ. އަދި އެ ބައްޔަށް ޕޮޒިޓިވްވުމުން ގޭގައި އައިސޮލޭޝަނަށް މަޑުކޮށްފައިވާ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.

ޑރ. ޝާން ވިދާޅުވެފައި ވަނީ ބައްޔަށް ޕޮޒިޓިވްވުމުން ރައްޓެހިންނާއި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ކިހިނެތް އަދި ކޮންއިރަކު ކަމެއް ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ދާދިފަހުން ޑރ. ޝާން ބަލި މީހުންނަށް ފަރުވާ ދެއްވުމަށް ހަރަކާތްތެރިވި ކަމަށް އެނގިފައިވެ އެވެ.

https://www.facebook.com/DrShaanMaldives/posts/1495088070692807

އައިޖީއެމްއެޗްގައި 2007 ވަނަ އަހަރުން ފެށިގެން ކޮންސަލްޓެންޓް އޯތޮޕީޑިކް ސާޖަންއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. ޝާންއަކީ ވަރަށް ގިނަ މީހުންގެ މެދުގައި ވަރަށް މަގުބޫލު ޑޮކްޓަރެކެވެ. އޭނާ އައިޖީއެމްއެޗްގެ އިތުރުން މާލޭގެ ބައެއް ކްލިނިކްތަކުގައި ވެސް ބަލި މީހުން ބައްލަވަމުން ގެންދަވަ އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ބައެއް ޑޮކްޓަރުންނާއި ނަރުހުން މީގެ ކުރިން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. ނަމަވެސް މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެގެން އެއްވެސް ޑޮކްޓަރެއް އަމިއްލައަށް އެކަން އާއްމުކޮށް އަންގާފައެއް ނުވެ އެވެ.

ކޮވިޑަށް މިއަދު ވެސް ރާއްޖެއިން 45 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރޭގައި 8 ދިވެހިންނާއި 37 ބިދޭސީން ހިމެނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދު ވަނީ 11،316 އަރައިފަ އެވެ. އޭގެތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 988 އެވެ. އޭގެ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދަނީ 38 މީހަކަށެވެ. އެ ބަލީގައި މިހާތަނަށް މަރުވެފައި ވަނީ 37 މީހެކެވެ.