ލޯބީގެ ގޮތުން ގުޅިގެން އުޅެ އެތައް ވައުދަކާއި އަހުދެއް ވެފައި ދުރުވާން ޖެހުމަކީ ވަރަށް ހިތްދަތި ކަމެކެވެ. އެކަމުން އަރައިގަތުމަކީ ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް ފަސޭހަ ކަމެއް ނޫނެވެ. އަދި އެކަމަށް ގިނަ ދުވަސްތަކެއް ވެސް ހޭދަވެދާނެ ކަމެކެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އެކަމުން އަރައިގަތުމުގެ ނަމުގައި ވެސް ކޮށްގެން ނުވާނެ ކަންތައްތަކެއްވެ އެވެ.

ދެވަނަ ފުރުސަތަކަށް އާދޭސްކުރުން

ވަކިވުމަށްފަހު އެންމެ ފުރަަތަމަ އަމިއްލަ ސިކުނޑިއަށް ވިސްނައިދޭން ޖެހޭ ކަމަކީ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް ކަމެވެ. ބައިވެރިޔާއާއެކު އުފާވެރި ކިތަންމެ އުފާވެރި ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ވަކިވާން ޖެހުމުގެ ފަހަތުގައި ބޮޑު ސަބަބެއް އޮންނާނެ އެވެ. އެހެން ކަމުން ދެވަނަ ފުރުސަތަކަށް އެދި އިންތިޒާރު ކުރުމަކީ އަމިއްލަ ނަފްސަށް ކުރެވޭ ބޭއިންސާފެކެެވެ. މާޒީ ފަސްދީ ކުރިއަށް ދާށެވެ.

ބަދަލުހިފުން

ސީދާ ގޮތުން އަދި ނުސީދާ ގޮތުން ކުރީގެ ބައިވެރިޔާ ކިބައިން ބަދަލު ހިފުމަށް މަސައްކަތް ކުރެވޭ ތަން އާދެ އެވެ. މިއީ ކުރުން އެހާ ބުއްދިވެރިކަމެއް ނޫނެވެ. މިފަދަ ހިޔާލުތައް އަންނަ ހިނދު ފުން ނޭވާއެއް ލުމަށް ފަހު އަމިއްލަ ނަފުސާ މި ސުވާލުތައް ކުރާށެވެ. ބަދަލު ހިފުމުން ލިބެނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ މުސްތަގުބަލަށް މި ކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ގިނަފަހަރަށް ބަދަލު ހިފުމުގެ ރޫހެއްގައި ކުރެވޭ ކަމަކުން އޮންނަނީ ތިބާގެ ހަޔާތަށް ނުރަނގަޅު އަސަރު ކޮށްފަ އެވެ.

ކުރީގެ ބައިވެރިޔާގެ ނެތިމޮށުން

ލިބުނު ހިތްދަތި ކަމުން އަރައިގަތުމަށް ކުރީގެ ބައިވެރިޔާގެ ގޯސްވާހަކަ ދެއްކުން އެއީ ރަނގަޅުކަމެއް ނޫނެވެ. އެކަމުންން އެމީހާއަށް ވުރެ ތިމާގެ ފެންވަރު އެހެން މީހުންނަށް އެނގިގެންދާނެ އެވެ. އަދި މީގެ އިތުރުން ސިއްރު ހިފެހެއްޓުމަކީވެސް މުހިއްމު ކަމެކެވެ. އެކުގައި އުޅުނު އިރު އެކަކު އަނެކަކުގެ ސިއްރުތައް ހިއްސާކުރާނީ އެ ވަރަށް ދެމީހުންގެ ދެމެދުގައި އިތުބާރު އޮތުމުންނެވެ. އެހެންކަމުން ވަކިވުމަށްފަހު ވެސް އެކަކު އަނެކަކަށް ކުރާ އިހުތިރާމެއްގެ ގޮތުން އެ ސިއްރުތައް ހިފަހައްޓަން ޖެހޭނެ އެވެ.