ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރިކުރުން ރަސްމީކޮށް މަނާވެ، އެފަދަ ވިޔަފާރިތަކަށް ދީފައިވާ މުއްދަތު ހަމަވެއްޖެ އެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާތައް ހިމާޔަތްކުރުމުގެ ގޮތުން، ބިދޭސީ ކުންފުނިތަކަށް މި ދާއިރާތަކުގައި ހަރަކާތްތެރި ނުވެވޭ ގޮތަށް ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ސެޕްޓެމްބަރު 2024 ގައެވެ. އަދި އެ ގާނޫނުގެ ދަށުން، މިހާރު ހިނގަމުންދާ ވިޔަފާރިތައް އުސޫލުތަކަށް ފެއްތުމަށް ނުވަތަ ހުއްޓާލުމަށް ދިން އިންތިގާލީ މަރުހަލާގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެހެންކަމުން، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަނުކޮށް މި ދާއިރާތަކުގައި ބޭރުގެ އެއްވެސް ކުންފުންޏަކަށް ދެން ވިޔަފާރިއެއް ނުކުރެވޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބަދަލާ ގުޅިގެން ގިނަ އަދަދެއްގެ ބޭރުގެ ކުންފުނިތަކުން ވަނީ ދިވެހިންގެ ހިއްސާ ހިމަނައިގެން ލޯކަލައިޒްކުރުމަށާއި، ކުންފުނި އަލުން ބައްޓަންކުރުމަށް އެދި ހުށަހަޅާފަ އެވެ. މިހާރު މިނިސްޓްރީން ދަނީ އެ ހުށަހެޅުންތައް ދިރާސާކުރަމުންނެވެ. އަދި މިގޮތަށް ރަސްމީކޮށް ގުޅިގެން މަސައްކަތް ފަށާފައިވާ ފަރާތްތަކަށް، ފުރިހަމަނުވެ ހުރި ކަންކަން ނިންމުމަށް ވަކި މުއްދަތެއް ދީ، އެ ކުންފުނިތަކާއެކު މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، ދިން މުއްދަތު ހަމަވިއިރު ވެސް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ އަދި އިންތިގާލީ މަރުހަލާގެ އެޕްލިކޭޝަން ހުށަނާޅާ ކުންފުނިތަކަށް، ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ދަށުން ރަސްމީ ނޯޓިސް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ނޯޓިހުގައި ދޭ މުއްދަތުގެ ތެރޭގައި ހުއްދަ ނެތް ވިޔަފާރި ހަރަކާތްތައް ވަގުތުން ހުއްޓާލަން ޖެހޭނެ އެވެ.
މިނިސްޓްރީގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކުރުމަކީ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށްވާއިރު، އެފަދަ ފަރާތްތަކާ މެދު ގާނޫނުގެ 24 އަދި 25 ވަނަ މާއްދާގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
މީގެއިތުރުން، ލޯކަލައިޒްކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރިއަށް ގެންދަން ބޭނުންވާ ކުންފުނިތަކުން ހިއްސާ ބަދަލުކުރާ ގޮތަކީ ހަގީގީ އަދި ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭން ޖެހޭނެ އެވެ. އެގޮތުން، އެއީ ހަމައެކަނި ލިޔެކިޔުމެއްގައި ނަމެއް ފުއްދާލުމުގެ ބަދަލުގައި، ވިޔަފާރީގެ ހިންގުމާއި މިލްކުވެރިކަމުގައި ދިވެހިންގެ މާނަހުރި ބައިވެރިވުމެއް އޮތްކަން ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ ހަރުދަނާ ޝަރުތުތަކެއް ކަނޑައަޅާފަ އެވެ.
މިގޮތުން މިނިސްޓްރީން ވަކިން ހާއްސަކޮށް ބަލާނެ ކަންކަމުގެ ތެރޭގައި:
- މިލްކުވެރިކަން ބަދަލުކުރި ގޮތާއި އޭގެ މިންވަރު
- ހިއްސާގެ އަގު އަދާކުރާނެ އިންތިޒާމުތަކާއި ފައިސާ ހޯދި (ފައިނޭންސް ކުރި) ގޮތް
- ވިޔަފާރީގެ މަންފާ ލިބޭ ހަގީގީ މިލްކުވެރިޔާ (ބެނެފިޝަލް އޯނަރޝިޕް) އަދި ކުންފުނި ކޮންޓްރޯލްކުރާ ފަރާތް
- ހިއްސާ ބަދަލުކުރި ބޭރުގެ ފަރާތުގެ ނުވަތަ އެ ފަރާތާ ގުޅުންހުރި ބައެއްގެ އެއްވެސް މަސްލަހަތެއް އޮތްތޯ
- އަލަށް ގުޅުނު ދިވެހި ހިއްސާދާރުންގެ އަމަލީ ދައުރާއި ބައިވެރިވުން
މިނިސްޓްރީން ބުނީ، މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ ދިވެހި ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުސަތުތައް ފަހިކޮށްދީ، އިގުތިސާދީ މަންފާ ދިވެހިންނަށް ލިބޭނެ މަގު ތަނަވަސްކުރުން ކަމަށެވެ. އަދި ހިއްސާ ބަދަލުކުރުމާ ގުޅޭ އިތުރު ތަފުސީލީ އުސޫލުތައް ކުރިއަށް އޮތްތަނުގައި އާންމުކުރާނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
ޗެކް ބައުންސްވި މައްސަލާގައި ރާޖްޕަލްއަށް ކޯޓުގެ އިންޒާރެއް!
ހުޅުމާލޭގެ މަގުތަކުގައި އާ ސްޕީޑްބްރޭކަރުތައް ހަރުކުރަން ފަށައިފި
އައިނު އަޅަންޖެހޭ ކުޑަ ކުދިންގެ އަދަދު އިތުރުވަނީ ކީއްވެ؟