ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ފޭބި އިޓަލީވިލާތުގެ ފަސް ޓޫރިސްޓުން ވެސް ފުރާނަ ގޮސްފައިވަނީ އޮކްސިޖަން ހުސްވެގެންކަން އެ މީހުންގެ ޕޯސްޓްމޯޓަމް ތަހުލީލުތަކުން ހާމަވެއްޖެ އެވެ.
މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި އޭނާގެ ދަރިފުޅު އަދި އެ ޔުނިވަސިޓީގެ ދަރިވަރު ޖޯޖިއާ ސޮމާކަލް (20އ) ގެ އިތުރުން އެ ޔުނިވަސިޓީގެ ދެ ރިސާޗަރުން ކަމަށްވާ މިއުރިއަލް އޮޑެނީނޯ (31އ) އަދި ފެޑެރިކޯ ގުއަލްޓިއޭރީ (31އ) އެވެ. މީގެއިތުރުން އެ މީހުންނާ އެކު ދިޔަ ޑައިވިން އިންސްޓްރަކްޓަރު ގިއަންލޫކާ ބެނެޑެޓީ (41އ) ވެސް ވަނީ މި ހާދިސާގައި މަރުވެފަ އެވެ.
ބައިނަލްއަގުވާމީ 'ޑައިވް މެގަޒިން' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކަނީ އެ މީހުން މަރުވީ "އެނޮކްސިއާ" ނުވަތަ ހަށިގަނޑުން އެއްކޮށް އޮކްސިޖަން ދަށްވުމުގެ ސަބަބުންނެވެ. އަދި ހަށިގަނޑު ތަހުލީލުކުރިއިރު އެއްވެސް ޒާތެއްގެ ވިހަ މާއްދާއެއް ފެނިފައިނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން، އެ މީހުން ބޭނުންކުރި ސިލިންޑަރުތަކުގައި ހުރި ވަޔަކީ ތަޣައްޔަރުވެފައިވާ ވައެއް ނޫންކަމާއި، އަޑީގައި އުޅެނިކޮށް ހޭނެތުން ފަދަ ސިއްހީ މައްސަލައެއް ދިމާނުވާކަން ވަނީ ޔަގީންވެފަ އެވެ. އަދި އެ އެންމެންނަކީ ވެސް އެ ވަގުތު މަސްތުގެ ހާލަތުގައި ތިބި ބައެއް ނޫންކަމާއި، ހަށިގަނޑުގައި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ނެތްކަން ވެސް ރިޕޯޓުން އެނގެ އެވެ. މި ހާދިސާއާ ގުޅިގެން ދެކެވުނު ވާހަކަތަކާ ހިލާފަށް، އެ މީހުން ހޮހޮޅައަށް ވަނީ މިޔަރެއްގެ ހަމަލާއަކުން ރެކެން ނޫންކަން ވެސް މިހާރު ވަނީ ކަށަވަރުވެފަ އެވެ.
މި ޑައިވަރުން ހޯދުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ތެރޭގައި އެމްއެންޑީއެފްގެ ކުޅަދާނަ ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. އޭގެ ފަހުން، އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ފެނުނީ ފިންލެންޑުގެ ހާއްސަ ޑައިވަރުންގެ ޓީމެއް ގެނެސްގެން ކުރި މަސައްކަތުން، ދެ ދުވަސް ތެރޭގަ އެވެ.
ޗެކް ބައުންސްވި މައްސަލާގައި ރާޖްޕަލްއަށް ކޯޓުގެ އިންޒާރެއް!
މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ 1' އަށް މަތިކޮށްފި