ކޮވިޑް-19އާ ގުޅިގެން ވަގުތީ ގޮތުން ބަންދުކުރި ގެސްޓްހައުސްތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ހުޅުވަން ހުއްދަ ދޭން ކުރިން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރަށް ބެލުމަށްފަހު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ނުހުޅުވާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ، ބޯޑަރު ބަންދުކޮށްފައި ވަނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް ގެސްޓްހައުސް ހުޅުވާނެ ތާރީހެއް ނޭނގުމުގެ ސަބަބުން މި ވިޔަފާރިވެރިން ތިބީ ވަރަށް މާޔޫސްވެފަ އެވެ.

ގެސްޓް ހައުސްތަކަށާއި އެ ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ގެސްޓް ހައުސްތައް އަލުން ހުޅުވޭނެ ދުވަހަކާއި އެފަދަ އެހެނިހެން މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނުލިބޭ ކަމަށް ބުނެ ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ހަދާފައިވާ ސާވޭއެއްގައިވާ ގޮތުން، މިދިޔަ މަސްތަކުގެ ތެރޭގައި ގެސްޓް ހައުސްތަކަަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް އެއްކޮށް ބަންދުކުރަންޖެހި، މުވައްޒަފުން ނޯޕޭ އަށް ފޮނުވަން ޖެހި، އެ މުވައްޒަފުންގެ އާއިލާތަކަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ސާވޭގައި ބުނެފައިވެ އެވެ.