ދިވެހީންނަށް ތަނަވަސްކަން ހޯދޭނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވިސްނުންތެރިކަމާ އެކު ގެންގުޅެގެން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މިވަނީ އަދި ދިވެހީންގެ ތަނަވަސްކަން ހޯދޭނީ ވެސް އިންޑިއާއާ އެކު އޮތް ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވިސްނުންތެރިކަމާ އެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރުން ދަމަހައްޓަވާނެ ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އަންނަނީ އިންޑިއާއަށް ސަނާކިޔައި އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޗައިނާއަށް ފާޑުކިޔަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާއިން ވަނީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސުވާފައި ކަމަށެވެ. ނަމަވެސް އިންޑިއާ އިން ލޯނު ނެގިޔަސް ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ނުޖެހޭނެ ކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުންނެވެ.

އިންޑިއާ އިން ލޯނު ނެގިޔަސް ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ނުޖެހޭނެ ސަބަބެއް ރައީސް ނަޝީދަކަށް ވިދާޅެއް ނުވެވެއެވެ. އަދި ޗައިނާއިން ލޯނު ނެގުމުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެހޭ ގޮތެއް ވެސް އެމަނިކުފާނަށް ވިދާޅެއް ނުވެ އެވެ.