ނެދަލޭންޑްސްގެ ކްލަބް އެއެކްސްއަށް ކުޅެމުން އަންނަ މިޑްފިލްޑަރު ވެން ޑެ ބީކް އިނގިރޭސި ކްލަބް މެންޗެސްޓަ ޔުނައިޓެޑަށް ސޮއި ކޮށްފި އެވެ.
އުމުރުން 23 އަހަރުގެ ބީކް ޔުނައިޓެޑަށް ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި 35 މިލިއަން ޕައުންޑަށެވެ.
ޒުވާން ކުޅުންތެރިޔާވަނީ އައެކްސްއަށް 175 މެޗް ކުޅެ 41 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އައެކްސްއާއެކު ބީކް ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިމަހުގެ 19ވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މެންޗެސްޓަ ޔުނައިޓެޑް ކުޅޭ މެޗްގައި ބީކް ކުޅޭނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.
ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު ވެން ޑެ ބީކް ބުނީ މެންޗެސްޓަ ޔުނައިޓެޑް ކަހަލަ ކާމިޔާބު ދިގު މާޒީއެއް އޮތް ކްލަބަކުން ފުރުޞަތު ލިބޭނެކަމަށް އުއްމީދު ވެސް ނުކުރާ ކަމަށެވެ. އަދި އުއްމީދަކީ ދެވެން އޮތް އެންމެ މައްޗަކަށް ދިއުންކަމަށާއި އެކަމަށް އެންމެ އެކަށޭނެ ޓީމަކީ މެންޗެސްޓަ ޔުނައިޓެޑް ކަމަށް ވެސް ބުންޏެވެ.
ވެން ޑެ ބީކް ބުނީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭވަރުގެ މިޑްފީލްޑަރުން ޔުނައިޓެޑްގައި އެބަތިބި ކަމަށާއި އެ ކުޅުންތެރިންގެ ތަޖުރިބާއިން އެތައް ބައިވަރު ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ.
މެންޗެސްޓަ ޔުނައިޓެޑުން ބުނެފައި ވަނީ އެޓީމްގައި ބީކް ކުޅޭނީ ޖާޒީ ނަމްބަރު 34 އަކަށް ކަމަށެވެ. ކުޅުންތެރިން ގަނެ ވިއްކުމުގެ ވިޔަފާރީގެ ތެރެއިން އަދިވެސް އިތުރު ކުޅުންތެރިން ހޯދުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.