ހުޅުމާލޭގެ ގޮނޑުދޮށުގައި ހިންގަމުން އަންނަ "ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް" ގެ ހިދުމަތްތައް ހުއްޓުވޭނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މި މައްސަލައަކީ ސޮލާރިސް ހޮސްޕިޓޭލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގާ މި ރެސްޓޯރަންޓުގެ ބިން ވަކިކުރަން އެޗްޑީސީން ނިންމުމާ ގުޅިގެން ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެޗްޑީސީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި އަންގާފައިވަނީ، ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ މައްސަލާގައި ހުކުމެއް އިއްވަންދެން ރެސްޓޯރަންޓު ހިންގުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ، އެކަމެއް ވަގުތުން ބާތިލުކޮށް، ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމަށް ވެސް ކޯޓުގެ އަމުރުގައި އެޗްޑީސީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ކޯޓުން މި ނިންމުން ނިންމާފައިވަނީ، މި މައްސަލައަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ކުލީ އެއްބަސްވުމަކާ ގުޅުންހުރި މައްސަލައަކަށް ވާތީ، ޝަރީއަތް މެދުވެރިކޮށް ސޮލާރިސް ހޮސްޕިޓޭލިޓީއަށް ގާނޫނީ ގޮތުން ރައްކާތެރިކަން ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމުންނެވެ.

ކޯޓުގެ ވަގުތީ އަމުރު މިގޮތަށް ނެރެފައިވާއިރު، އެޗްޑީސީން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ރިވެލި ބީޗް ރެސްޓޯރަންޓު ހިންގާ ބިމުގެ ކުލި ނުދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ސޮލާރިސް ހޮސްޕިޓޭލިޓީއާއެކު ވެފައިވާ އެއްބަސްވުން އިއްޔެއިން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ހިންގާ އެ ރެސްޓޯރަންޓުން އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ނުވަތަ ހިދުމަތެއް ދިނުން މަނާކޮށް، އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންނަން ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، މި އެއްބަސްވުން އުވާލަން ނިންމީ ދެފަރާތުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހުގަ އެވެ.

ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައި ހިންގަމުން އަންނަ ރިވެލި ބީޗް ރެސްޓޯރަންޓަކީ، ހުޅުމާލޭގެ ގޮނޑުދޮށާ އެހާ ކައިރީގައި ވިޔަފާރި ކުރުމުގެ ހާއްސަ ހުއްދައެއް އެޗްޑީސީން މިހާތަނަށް ދޫކޮށްފައިވާ ހަމައެކަނި ރެސްޓޯރަންޓެވެ.