ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އެމްޑީއެންގެ ލާދީނީ އެޖެންޑާ ކާމިޔާބު ނުކުރެވިގެން ކަމަށް ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރަނީ ރައްޔިތުންގެ ނިންމުމަށް ގޮންޖެއްސެވުމަށްފަހު ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ 2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގި ވެރިކަމުގެ ނިޒާމް ކަނޑައެޅުމާ ގުޅޭ ވޯޓުގެ ނަތީޖާއަށެވެ. އެ ވޯޓުގައި ރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތުން ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބާއްވަން ފާސްވެފައެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ ވެރިކަމުގެ ދަހިވެތި ކަމުގައި ތިމާ ބޭނުންވާހާ ގޮތަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތް ކަމަށް ބުނުމަކީ އެންމެ ބޮޑު އޮޅުވާލުން ކަމަށެވެ.

އަނެއްކާ ވެސް ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެކެވެން މިފެށީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބީރު ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުންނެވެ.

ޖާބިރު އެ އިސްލާހު ހުށަހެޅިޔަސް އެކަމުގެ އަޑީގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި ޖާބިރު އެ އިސްލާހު ހުށަހެޅުއްވުމާއެކު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި ނަޝީދު ވަނީ ޓްވީޓް ކުރައްވާފައެވެ.