ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވައި ނުސާފުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ވެރިރަށް މާލެއާއި ހދ. ކުޅުދުއްފުށީގެ ވައި ތަޣައްޔަރުވެއްޖެ އެވެ. ވައިގެ ސާފުމިން ބަލާ ބައިނަލްއަގްވާމީ މިންގަނޑުތަކުން ދައްކާ ގޮތުގައި މި ދެ ސިޓީއަށް މިހާރު ވަނީ ވައިގެ ނުރައްކާތެރިކަން އަންގައިދޭ ރަތް ސަމާލުގަ އެވެ.

ދުނިޔޭގެ ވައިގެ ފެންވަރު ވަޒަންކުރާ "އައިކިއު އެއާ" އެޕްލިކޭޝަންގެ މިއަދުގެ ހިސާބުތަކަށް ބަލާއިރު، މާލޭގެ ވައިގެ ނުސާފުމިން ހުރީ 159 ގައެވެ. އަދި އުތުރުން ކުޅުދުއްފުށީގައި މި ނިސްބަތް ވަނީ 165 އަށް އަރާފަ އެވެ. މީގެއިތުރުން، ވިލިމާލޭގެ ވައިގެ ކޮލިޓީ 160 ގައި ހުރިއިރު، މިއީ އާންމު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ މިންވަރެކެވެ. ނަމަވެސް، މިއަދުގެ މެންދުރު 12:00 އިން ފެށިގެން މާލޭގެ ވައި ކޮންމެވެސް ވަރަކަށް ސާފުވާން ފަށާނެ ކަމަށް އެ އެޕްލިކޭޝަނުން ވަނީ ލަފާކޮށްފަ އެވެ.

އާންމު ގޮތެއްގައި އިންސާނުންނަށް ނޭވާލާން އެންމެ އެކަށޭނަ، ސާފު ވައިގެ މިންގަނޑަކީ 50 އިން ދަށެވެ. އަދި 51 އާއި 100 އާ ދެމެދަކީ އާދައިގެ ނުވަތަ "މޮޑަރޭޓް" މިންވަރެއް ކަމަށް ބެލެވޭއިރު، 101 އާއި 150 އާ ދެމެދަކީ ވައި ނުސާފު މިންވަރެކެވެ. މީގެއިތުރުން، ވައިގެ ކޮލިޓީ 151 އާއި 200 އާ ދެމެދަށް އެރުމަކީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ނުވަތަ "އަންހެލްތީ" ލެވަލްއަށް ވައި ތަޣައްޔަރުވުމެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައި ނުސާފު ދުވަސްވަރަކަށް ވާއިރު، ގިނަ ރަށްރަށުގައި ވައިގެ ހާލަތު ހުރީ އާދައިގެ މިންވަރެއްގަ އެވެ. އެގޮތުން ހުޅުމާލޭގެ ވައިގެ ކޮލިޓީ 71 ގައި ހުރިއިރު، ދެކުނުން އައްޑޫ ސިޓީގެ ވައިގެ ކޮލިޓީ ހުރީ 70 ގައެވެ.

ވައި ތަޣައްޔަރުވުމަކީ ކޮންމެ މީހަކަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ނަމަވެސް، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް މިކަމުގެ ނުރައްކާ ދެގުނަ ބޮޑެވެ. އެހެންކަމުން، ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން އެލާޖީގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރުތެރޭގައި ގިނަ ވަގުތު ހޭދަނުކުރުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ވެސް މާސްކު އެޅުމަކީ ރައްކާތެރިކަމުގެ ގޮތުން ނުހަނު މުހިންމު ކަމެއް ކަމުގައި ސިއްހީ އިދާރާތަކުން ފާހަގަކުރެ އެވެ.