ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި އެވެ.

މިއަދުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި އެކަމަނާއަށް ރަސްމީގޮތުން މަރުހަބާ ދަންނަވާފައިވާއިރު، އެކަމަނާ ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ. އަދި ހަސީނާ މާލެ ވަޑައިގެންނެވުމާއި އެކު ރައީސް ސޯލިހް ވަނީ އެކަމަނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ އަދި ބޮޑުވަޒީރު ހަސީނާ ވަނީ ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް ބައްލަވައިލައްވައިފަ އެވެ. އަދި ހަސީނާ ޑަޔަސްއަށް އަރާވަޑައިގަތުމާއި އެކު 21 ބަޑީގެ ސަލާމެއް އަރުވައި، ބަންގްލަދޭޝާއި ރާއްޖޭގެ ގައުމީ ސަލާމް އިއްވާފައިވެ އެވެ.

ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މިއަދު ހެނދުނު މާލެ ވަޑައިގަތުމުން ގާޑް އޮފް އޮނާއެއް އަރުވަނީ. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑަިއގެންނެވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާގެ މި ދަތުރުފުޅުގައި ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.