މީގެ 17 އަހަރު ކުރިން މި ދުވަހު ރާއްޖޭގެ ރަށްތަކުން ފެނުނީ ހިތްދަތި މަންޒަރުތަކެކެވެ. ބައެއްގެ ދިރިއުޅުން ބިންދާލި ރާޅަކާއެކު އޮޔާ ގޮސް ގިނަ ބަޔަކު ބިކަވެ ދިޔަ އެވެ. ލޯބިވާ އެތައް ބަޔަކު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެ ދިޔަ އެވެ. އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.

އިންޑިއާ ކަނޑުގެ އެކި ރަށްތަކަށް ސުނާމީގެ ބިޔަ ރާޅު ބިންދާލި އެ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަން އެންމެ ރީތިކޮށް ދައްކުވައިދިން އެއް ދުވަހެވެ. ހާލުގައި ޖެހުނު އަޚުންނާއި އުޚުތުންނަށް ދިވެހި ގެތަކުގެ ދޮރު ހުޅުވާލީ އިންސާނިއްޔަތަށްޓަކަ އެވެ. އޮޔާ ދިޔަ އެތައް ބަޔަކު ދިވެހިން ސަލާމަތް ކުރީ ގާތް ތިމާގެއެއް އަވަށްޓެރިއެއް ބެލުމެއް ނެތި އެވެ.

އެ ދުވަހު ކޮންމެ ދިވެއްސަކު ވެސް ބެލީ އެމީހަކަށް ވެވުނު ވަރަކުން ހާލުގައި ޖެހުނު މީހުންނަށް އެހީވެވޭތޯ އެވެ. އެއީ ދިއްކޮށްލެވޭ ފެންތަށްޓެއްގެ މިންވަރު ވިޔަސްމެ އެވެ. އެދުވަހަށްފަހު ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެނީ އެދުވަހު ދިވެހިން ދެއްކި ނަމޫނާއިން މިސާލު ޖަހަމުންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިއަހަރު ވެސް މިއޮތީ އެ އެއްބައިވަންތަކަމުގެ ދުވަސް އައިސްފަ އެވެ. އެކަމަކު މިއަދު ދިވެހިންގެ ހާލަތަކީ ކޮބާތޯ ސުވާލު އުފެދެ އެވެ. މިއަދުވެސް ދިވެހިން ފަޚުރުވެރިވާ ދިވެހިންގެ އެ އެއްބައިވަންތަކަން މުޖުތަމައުގެ މެދުގައި އޮތްތޯ ސުވާލު ކުރެވެ އެވެ.

ސިޔާސީ ފިކުރު ސިކުނޑިތައް ފަތަހަކޮށް މުޖުތަމައުގައި ބައިބައިވުން އުފެދިއްޖެ އެވެ. ތިބާ ތާއީދު ކުރާ ފިކުރު ނޫން އެހެން ފިކުރެއްގެ މީހެއްގެ ފަރާތުން ފެންފޮދެއްހާ ހިސާބު ވެސް ގަބޫލު ކުރަން ދިވެހިން ނުރުހެ އެވެ. މިކަމާ ހެދި ރަހިމުގެ ގުޅުން ކެނޑި އެންމެ ގާތް ރަހުމަތްތެރިން މޫނު ކެނޑިއްޖެ އެވެ. މިއީ ހަމަ އެއްބައިވަންތަ ދިވެހިންތޯ އެވެ؟

އެއްބައިވަންތަ ކަމުގެ ދުވަހުގެ ނަމުގައި ކަލަންޑަރުގައި ދުވަހެއް ފާހަގަ ކޮށްލުމަކުން ވާކަށް ނެތެވެ. ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން އަލުން އިޔާދަ ކުރަން މިއަދު ވަނީ ޖެހިފަ އެވެ. ފިތުނަ ފަސާދައިން ދުރުވެ މީގެ 17 އަހަރު ކުރިން ދިވެހިން ދެއްކި ލާމަސީލު ނަމޫނާ އަލުން ދިރުވަން ދިވެހިން ނުކުންނަން ޖެހެ އެވެ.

މި އަހަރުގެ އެއްބައިވަންތަ ކަމުގެ ދުވަހު އަޒުމެއް ކަނޑައަޅަމާތޯ އެވެ. ސިޔާސީ ފިކުރުތަކަކީ ދިރިއުޅުމުގެ ހިއްސާއެއް ކަމުގައި ހަދައި އެކަމުގެ ސަބަބުން އެއްބައިވަންތަކަމާއި އަޚުވަންތަކަމަށް ބުރޫ އެރިޔަ ނުދެމާތޯ އެވެ!